ކެޔޮދޫ ބޮޑު ކޭމަކާއި ހަވާގެ އުފާ!

ރަށު ކައުންސިލުގެ ގަރާރެކެވެ؛ މި ގަރާރު ލާޒިމް ކުރަނީ ޖާފަތަށް ދާ ކޮންމެ މީހަކު ދިވެހި ހެދުމުގައި ދާށެވެ. ކުޑަ މިނުން ފޭއްޔެއް ނަމަވެސް އަނދެލާށެވެ. ގަރާރަކަށް ވިއްޔާ އަމަލު ކުރަން ޖެހޭނެތީ ހުދު ގަންޖުފަރާހަކާއި ފޭއްޔެއް އަނގެދެން ހިނގައިގަތީ ބަނދަރު މައްޗަށް ދާށެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ފެށުން މި އޮތީ މި ރަށުގައި މި ގޮތަށެވެ. ވ. އަތޮޅުގެ އެންމެ ބައިބޯ ރަށް ކެޔޮދޫގަ އެވެ.
ކެޔޮދޫގައި ރޭ ހަވާ އަރުވާއިރު އާއިލާއެއް ހަވާ ބަލަން ބަނދަރުމަތީގައި: މިއީ އުފާވެރި ވަގުތުކޮޅަކަށް ވެގެން ދިޔަ -- ފޮޓޯ: އަވަސް
ރަށު ކައުންސިލުގެ ގަރާރެކެވެ؛ މި ގަރާރު ލާޒިމް ކުރަނީ ޖާފަތަށް ދާ ކޮންމެ މީހަކު ދިވެހި ހެދުމުގައި ދާށެވެ. ކުޑަ މިނުން ފޭއްޔެއް ނަމަވެސް އަނދެލާށެވެ. ގަރާރަކަށް ވިއްޔާ އަމަލު ކުރަން ޖެހޭނެތީ ހުދު ގަންޖުފަރާހަކާއި ފޭއްޔެއް އަނގެދެން ހިނގައިގަތީ ބަނދަރު މައްޗަށް ދާށެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ފެށުން މި އޮތީ މި ރަށުގައި މި ގޮތަށެވެ. ވ. އަތޮޅުގެ އެންމެ ބައިބޯ ރަށް ކެޔޮދޫގަ އެވެ. އާބާދީގައި ހަތް ސަތޭކައެއްހާ މީހުން އުޅޭ މި ރަށުގެ ބަނދަރުމަތި ވަނީ ފުރިހަމައަށް ނަލަ ހައްދާފަ އެވެ. ސަރަހައްދު ވަށައިގެން ގޮނޑި ޖަހާފައިވާއިރު، ގިނަ ބަޔަކު އެ ތިބީ ކައުންސިލުގެ ގަރާރާ އެއް ގޮތަށް ދިވެހި ހެދުމެއްގަ އެވެ.
ރަށު ޓޫރިޒަމް ފައްކާވަމުން އައިސް އަށް ގެސްޓްހައުސް ހަމަވެފައިވާ މި ރަށުގައި މި ވަގުތު ތިބި ޓޫރިސްޓުން ވެސް އެތިބީ ފޭލި އަނދެގެނެވެ. ބައެއް މީހުން ގައިގައި ފޭލި އޮޅާލައިގެނެވެ. މި މާހައުލުން ފެންނަނީ ދިވެހި ވަންތަ މަންޒަރެވެ. މި ދިވެހި ވަންތަ ކަމަށް އިތުރު "މީރުކަން" ގެނެސްދެނީ ކޮޅު ނުފެންނަ ވަރަށް ދަމާލާފައިވާ ކެއުމުގެ ސުފުރާ އެވެ.

އެންމެ ހާއްސަ ކަމަކީ ވެސް މިއީ އެވެ. މި ރަށުގެ ރައްޔިތުން ނަށް ވަނީ އީދެއް އައިސްފަ އެވެ. ކެނޯ ޖެހުމަށްފަހު، ހުރިހާ ރައްޔިތުން ބައިވެރި ވެގެން އުފާފާޅު ކުރަނީ އެވެ. އެންމެން ބަނދަރުމަތީގަ އެވެ.
ކެއުމުގެ ޖާފަތް ފެށުން ވެސް މި އޮތީ ތަފާތު ގޮތަކަށެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގަތުމާއެކު އެކަން އިއުލާނު ކުރީ ސަންގު ފުންމުލުމަކުންނެވެ. ބޭނުމަކީ އެންމެ އިހުޒަމާނުގެ "ފީލް" މި ޖީލަށް އިހުސާސް ކޮށްލައި ދިނުމެވެ. މުއާސަލާތު ކުރުމުގެ ވަސީލަތްތައް މަދު ޒަމާނެއްގައި ދިވެހިން މުއާސަލާތުކޮށް އުޅުނު އިހުގެ ގޮތެއް ދައްކާލުމެވެ.
އާއްމު ހަފުލާތަކުގެ އެޖެންޑާގެ އެންމެ ފުލުގައި އޮންނަ ކެއުން ކެޔޮދޫގައި މިއޮތީ އެންމެ ކުރިއަށްލާފަ އެވެ. މޭޒުތައް ކައިރީ ސަފު ހަދާލައި ކޭންތަކުގެ މަތި ނަގައިގެނެވެ. މޭޒުތައް މަތީގައި އަތުރާފާފައިވާ ކެއުމުގެ ބާވަތް ތަކަކީ މި ރަށު ރައްޔިތުންގެ އުފެއްދުންތަކެވެ. ގޭގެއަށް ބަހާލައި އެ ގޭގޭގައި ކައްކައިގެން ގެނެސްފައިވާ ބާވަތް ބާވަތުގެ ކާ އެއްޗެއްސެވެ. ކެޔޮދޫގެ "ހޯމްމޭޑް" ރަހަ އެވެ. ކޭންތަކުގައި ހިމެނޭ ބާވަތްތަކުގެ އަދަދު ފަސްދޮޅަށްވުރެ ގިނަ އެވެ.

އަތުރާފައިވާ ބާވަތްތަކުގެ ނަންތައް ނޭނގުނަސް ގުނޭތޯ ބެލިދާނެ އެވެ. ބަތުގެ ދެ ތިން ބާވަތް ހަމަ ގައިމު ވެސް އެބަހުއްޓެވެ. އާދައިގެ ހުދު ބަތާއި މަސްބަތާއި ބަނބުކެޔޮ ބަތް އެބަހުއްޓެވެ. އަދި ރިހާކުރު ދިޔަ އާއި މަސް ފެނާއި ފިހުނު މަހާއި ތެލުވި މަސް އަދި މަސް ކުރޮޅި އާއި ބަތްޕެއް އެބަހުއްޓެވެ. މި އަށް އިތުރު މީރު ކަމެއް ގެނެސްދެނީ ބަނބުކެޔޮ ބޮނޑިބަތާއި ސާގު ބޮނޑި ބަތް އަދި މޭޓާ ގަނޑުންނެވެ. އަދި ޖޫހުގެ ގޮތުގައި ސާގު ފަންޏާއި ކަށިކޭލު ފަނި އަދި ކުރުނބާގެ އިތުރުން ޖޫހުގެ ލިސްޓުވެސް އެހާ ދިގެވެ.
މި ޓޫރިޒަމް ދުވަހުގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ބައިވެރިވަނީ ދިވެހި ފަންނާނުންނެވެ. މި ރަށު ބަނދަރުގައި ބޮޑު ކޭމަށް އިންސާފު ކުރަމުން ދިޔައިރު، މިއޮތީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ކުޑަ އިއްބެ އާއި ޝަލަބީގެ ލަވަތަކުގެ އިތުރުން ޒުވާން ބޭންޑެއްގެ މިއުޒިކެވެ. މުޅީން ވެސް މި ފެންނަނީ ދިވެހިންގެ ހުނަރެވެ.

މި ރަށު ދެ ޖިންސުގެ ތާރަ އާއި ބޮޑުބެރުން ލެއަށް ގޮތްވެ އެވެ. މި ހުރިހާ އުފަލެއްގެ ތެރޭގައި އެންމެވެސް ތިބީ ކުލަ ކުލައިން މައްޗަށް އަރައަރައިގެން ދާ ހަވާ ބަލާށެވެ. މި ހަވާގައި އެންމެ އާބާދީ ކުޑަ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށުގެ ރައްޔިތުންނަށް ފެންނާނީ ވަރަށް އުފާވެފައި ތިއްބަ އެވެ.