ރާއްޖެއިން ކޮވިޑްގެ ކޭހެއް ފުރަތަމަ ފެނިފައި ވަނީ މިިދިއަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮވިޑްގެ ބަލިމަޑުކަމުން ސަލާމަތްވާން ސަރުކާރުން ވަނީ އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. އުނދަގޫ އެެހެން ނަމަވެސް މުހިންމު އެތައް ފިޔަވަޅެއް ސަރުކާރުން އެޅީ މަޖުބޫރީ ހާލަތުގަައި ރައްޔިތުންގެ ރައްކާތެރި ކަމަށެވެ. މާލެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައި ވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން ފުލުފުލުގައި ކޭސްތައް ފެންނަން ފެށިއެވެ. އެހިސާބުން ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަން ޖެހުނެވެ. މާލެ ސިޓީގައި ވަކި ވަގުތުތަކެއްގައި ކާފިއު ހިންގަން ފެށިއެވެ. ފިހާރަތަކާއި ކެފޭ ހޮޓާ އަދި ރެސްޓޯރަންޓްތައް ވަކި ވަގުތަކެއްގައި ހިދުމަތްދޭ ގޮތަށް ހަމަޖެއްސިއެވެ. އަދި ފަހުން މާލެ ސިޓީ ލޮކްޑައުން ކުރިއެވެ.
ގިނަ ފިޔަވަޅުތަކަކާއެކު ދެތިން ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮވިޑް ބަލި ހިސާބަކަށް ކޮންޓްރޯލްވި އެވެ. ބަލި ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑުތަނުން މަދުވެ، ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ އާ އާންމު ހާލަތަށް ދެވޭތޯ މަސައްކަތް ފެށި އެވެ. ނަމަވެސް ހެލްތު ގައިޑްލައިންތަކާއި ހިލާފަށް އެތައް ބަޔަކު އަމަލު ކުރުމުގެ ސަބަބުން ކޮވިޑް ބަލި ފެތެރޭ މިންވަރު އިތުރުވީ އެވެ. އަނެއްކާވެސް އިތުރު ފިޔަވަޅުތައް އަޅަން މަޖުބޫރިވި އެވެ. ނަމަވެސް ފިޔަވަޅުތަކަށް ބޯލެނބުމުގައި ބައެއް ފަރާތުން ފެނުނީ އުންމީދުކުރި ފަދަ މަންޒަރެއް ނޫނެވެ. ޒަރޫރީ ބޭނުން ތަކުގައި ނޫނަސް ގިނަ ބަޔަކު މަގުތަކަށް ނުކުމެ އުޅެ އެވެ. އަނެއްކާވެސް ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރިއެވެ. އެގޮތުން 23 އޯގަސްޓްގެ ރެއިން ފެށިގެން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާކުރި އެވެ.
މިހާރު ރޭގަނޑު 8:00 އިން ފެށިގެން މަނާ ގަޑީގައި ވެހިކަލް ދުއްވާ މީހުން ހުއްޓުވައި ޖޫރިމަނާ ކުރެ އެވެ. އަދި ކުށް ތަކުރާރު ކުރާ ނަމަ ވެހިކަލް ޓޯކޮށް ވެހިކަލެއް ދޫކުރަނީ ޖޫރިމަނާ ދެއްކުމުންނެވެ. އެކަމަކުވެސް ދުވަސްކޮޅަކަށް ފަހު މިހާރު ވެސް މާލޭގެ މަގުމަތިން ކުރިން ފެނުނު މަންޒަރު ވަނީ ބަދަލުވެފަ އެވެ. އެއްގަމު އުޅަނދުތައް ދުއްވުން ގިނަ އެވެ. އަދި ފުލުހުން މަގުތަކުގައި ހަރަކާތްތެރިވާ މަންޒަރު ވެސް ފެންނަނީ ކުރިޔަށްވުރެން މަދުންނެވެ. އެންމެ ގިނައިން ފުލުހުން ހަރަކާތްތެރި ވަނީ މަޖީދީމަގު ގައެވެ.
އުޅަނދުތައް ދުއްވުން މަނާ ކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ ރައްޔިތު އެންމެންގެ ރައްކާތެރިކަމަށްޓަކަ އެވެ. އެ ފިޔަވަޅުތަކަށް ބޯލެނބުމަކީ އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައިގެނެވެ.