ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން ޕާސްޕޯޓް ތައާރަފްކޮށްފި

ކޮވިޑް ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައާރަފުކޮށްފި އެވެ.

ވެކްސިން ޕާސްޕޯޓް ތައާރަފްކޮށްފައި ވަނީ ކޯވިޑް ސޭފް ގެ ނަމުގަ އެވެ. މި ޑިޖިޓަލް ވެކްސިން ޕާސްޕޯޓާއެކު އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ. ކޮވިޑް ސޭފް ޑޮޓް އެމްވީ ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލްކޮށް އެމީހެއްގެ ކޮވިޑް ހާލަތާ ގުޅޭ މައުލޫމާތުތައް ލިބިގެންދާނެ އެވެ. އަދި މިއީ ހެލްތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ރަސްމީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓެވެ.

އެޗްޕީއޭއިން ބުނީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓަށް މައުލޫމާތު އެއްކުރެވިގެން ދާނީ އެޗްޕީއޭގެ އައުޓް ބްރޭކް ސިސްޓަމާއި، ދިފާއު ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އައުޓް ބްރޭކް ސިސްޓަމުން އެމީހެއްގެ ކޮވިޑް ޕީސީއާރް ޓެސްޓްތަކުގެ ނަތީޖާއާއި ކަރަންޓީން ވެފައިވާނަމަ އެ މައުލޫމާތެއް ހިމެނޭހެން ކޮވިޑްގެ މައުލޫމާތު އެއްކުރެވިގެންދާނެ އެވެ.

ކޮވިޑް ދިފާއު ޕޯޓަލް މެދުވެރިކޮށް އެމީހަކު ޖެހި ވެކްސިން ޑޯޒްތަކާއި ވެކްސިން ޖެހި ތާރީހު އެނގޭނެހެން ވެކްސިނޭޝަން ކަވަރޭޖްގެ މައުލޫމާތު އެއްކުރެވޭނެ ކަމަށާއި މި ދެ ޕްލެޓްފޯމުން އެއްކުރެވޭ މައުލޫމާތުތައް އެމީހެއްގެ އައިޑީކާޑް ނަންބަރު ނުވަތަ ޕާސްޕޯޓާ ގުޅުވާލެވިގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ ކޮވިޑް ހާލަތު ނުވަތަ ވެކްސިންގެ މައުލޫމާތު ކިއު އާރް ކޯޑެއް މެދުވެރިކޮށް ދެވަނަ ފަރާތަކާ ނުވަތަ މުއައްސަސާއަކާ ހިއްސާކޮށްލެވޭނެ އެވެ. އަދި މި ދެ މައުލޫމާތުގެ ތެރެއިން ވަކި މައުލޫމާތެއް އެކަނި ހިއްސާކުރަން ބޭނުންވާނަމަ އެކަން ވެސް ކުރެވޭނެ އެވެ.

"އެމީހަކު އެ ހިއްސާކުރާ މައުލޫމާތެއް ދެވަނަ ފަރާތަކަށް ފެންނަން ހުންނާނެ މުއްދަތުވެސް ޗޫޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެގޮތުން 15 މިނެޓަށް، 30 މިނެޓަށް ނުވަތަ 24 ގަޑިއިރަށްވެސް އެ މައުލޫމާތު ފެންނާނެ ގޮތަށް ޗޫޒް ކުރެވޭނެ." އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ތަންތަނަށް ވަދެ ނުކުތުމުގައި ރަސްމީ ލިޔެކިޔުމެއްގެ ގޮތުގައި ޑިޖިޓަލް ޕާސްޕޯޓް ބޭނުންކުރެވޭނެ އެވެ. އަދި ރަށްރަށާއި، ރާއްޖޭން ބޭރަށް ދަތުރުކުރާއިރުވެސް މި ޕޯޓަލް ބޭނުންކުރެވޭނެ އެވެ. ނަމަވެސް ބައެއް ހާއްސަ ހާލަތްތަކުގައި ގައުމުތަކަށް ދަތުރުކުރާއިރު ވަކި ލިޔުމެއް ބޭނުންވެއްޖެ ހިނދެއްގައި، އެ ލިޔުމެއް ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ

ޕޯޓަލުގައި ފެންނަން ހުރި ޑޭޓާތަކުގައި އެއްވެސް މައްސަލެއް އުޅޭނަމަ ނުވަތަ ސާފުކުރަން ބޭނުންވާ އެއްވެސް ކަމެއް އޮތްނަމަ 1676 ހޮޓްލައިން ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރުކަށް ވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.