ފޮރިން މިނިސްޓްރީ

ދީނުގެ ނަމުގައި ހިންގާ ޖަރީމާތައް ހުއްޓުވަން މަޝްވަރާ ކޮށްފި

Feb 8, 2022

އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށިފިކުުރުގެ އަމަލުތަކާއި ޓެރަރިޒަމަށް ހިތްވަރުދީ ކުރާ ކަންކަން ހުއްޓުވޭނެ ގޮތްތަކާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި ރާބިތަތުލް އާލަމިލް އިސްލާމީއާ ދެމެދު މަޝްވަރާ ކުރައްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް އިންނެވީ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ. ރާބިތާގެ ފަރާތުން އިސްކޮށް އިންނެވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އެވެ.

މިބައްދަލުވުމުގައި ވަނީ ހަރުކަށިފިކުުރުގެ އަމަލުތަކާއި ޓެރަރިޒަމަށް ހިތްވަރުދީ ކުރާ ކަންކަން ހުއްޓުވޭނެ ގޮތްތަކުގެ އިތުރުން އިސްލާމީ ބައެއް ގައުމުތަކުގެ ހާލަތާ މެދުވެސް މަޝްވަރާކުރައްވާފަ އެވެ. އެގޮތުން މިއަންމާގެ ރޮހިންޔާގެ މުސްލިމުންނާއި ގުޅޭގޮތުންނާއި ފަލަސްތީންގެ ރައްޔިތުން މިނިވަން ދައުލަތެއް ހޯދުމަށް ކުރަމުންދާ މަަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ދީނީ އިލްމު ހޯދުމަށް ޝައުގުވެރިވާ ދަރިވަރުންނަށާއި ދިވެހި އިމާމުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ. މީގެއިތުރުން އިސްލާމް ދީނުގައި ޖިންސުގެ ތަފާތުކުރުން ނެތް ކަމާއި އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް ކަމަށް އަންގައިނުމުގެ ގޮތުން ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށް ވެސް މަޝްވަރާކުރެވުނެވެ.

ރާބިތާގެ ސެކްރެޓަރީ ޖެނަރަލް ރާއްޖެ ވަޑައިގެން އުޅުއްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކެވެ.

ރައީސް ސޯލިހް އިއްޔެ ވަނީ ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާއާ ބައްދަލުކުރައްވާފަ އެވެ. އަދި ރައީސް ވަނީ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ރާބިތާގެ ސެކްރެޓަރީ ޖެނަރަލް އަށް އަރުއްވާފަ އެވެ.

މި އއްޒަތް އެމަނިކުފާނަށް އެރުއްވީ ދިވެހިރާއްޖެއާއި ރާބިތަތުލް އާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށާއި، އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށާއި، ދުނިޔޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމަށް، ރާބިތާގެ ސެކްރެޓަރީ ޖެނަރަލް ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ނިސްބަތް ވަނީ އައްސުލްޠާން އިބްރާހީމް ކަލާފާނަށެވެ. މިއީ މީލާދީން 1585 އިން ފެށިގެން 1609 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި ބޭފުޅެކެވެ.