AVAS PHOTO ESSAY

ދަނގެއްޗަށް ފޯރިގަދަ ތަފާތު އީދެއް

މި އަހަރުގެ ބޮޑުއީދު އެންމެ ކުލަގަދަކޮށް ފާހަގަކުރި އެއް ރަށަކީ އދ. ދަނގެއްޗެވެ. އެ ރަށުގެ "ޖަމިއްޔަތުލް ޤަލަމް" ގެ އިސްނެގުމަށް ޖަމިއްޔާތަކާއި ކައުންސިލް އަދި އިދާރާތަކުގެ އެހީގައި ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން އުލްހިއްޔާ ކަތިލުމާއި އާއިލީ ހަވީރާއި ވާދެވުމުގެ މުބާރާތަކާއި އިސްރަށްވެހިންނާއެކު އަދި ބޮޑު މަސް ޝޯ އާއި މަސްރޭހާއި ކެއްކުމުގެ މުބާރާތެއްގެ ގޮތުން "ރަނިރަހަ" ނަމުގައި މުބާރާތެއް ބާއްވާފައިވެއެވެ. ކޮންމެ މުބާރާތެއްވެސް ކުރިއަށް ގެންދިޔައީ ފައިސާގެ އިނާމު ހުށައަޅައިގެންނެވެ. އީދުގެ ހަރަކާތްތައް ނިންމާލީ ރައްޔިތުންނަށް ބޭއްވި "ރައްޔިތުންގެ ބާބެކިއު" އިންނެވެ. -- ފޮޓޯ: އަލީ ހުޝާން

ދެ ދުވަހެއްގައި އާއިލީ ހަވީރު ކުރިއަށް ގެންގޮސްފައިވެއެވެ. އާއިލީ ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ކުޑަކުދީންނަށް ތަފާތު ކުޅިވަރު ކުޅެވޭނެ އިންތިޒާމާއެކުގައެވެ. އާއިލީ ހަވީރުގެ ތެރެއިން އެ ކުދީންގެ ހުނަރު ދައްކާލުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މަދަހަ ކިޔުމާއި ތަކުބީރު ކިޔުން ފަދަ ކަންކަމެވެ. ކުޑަކުދީން ޝައުގުވެރިވާފަދަ އިނާމުތައް ލިބޭ ކުޅިވަރު ހަރަކާތްތައް ބޭއްވުނެވެ. އަދި އާއިލީ ހަވީރަށް ޒިޔާރަތް ކުރި މީހުންގެ ތެރެއިން ކުޑަކުދީންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން އަގުބޮޑު އިނާމުތަކެއް ދިނެވެ. އެގޮތުން ގުރުއަތުން ހޮވުނު ފަރާތްތަކަށް އޭސީ އާއި ޓެބްލެޓް އަދި އަވަނަކާއި ސައިކަލެއް ދީފައިވެއެވެ. -- ފޮޓޯ: އަލީ ހުޝާން

ދަނގެތީގައި ކުރިއަށް ދިޔަ އީދުގެ ހަރަކާތްތަކުގައި ދިވެހީންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް އޮތް އަލީ ރަމީޒުވެސް ވަނީ ބައިވެރިވެފައެވެ. އާއިލީ ހަވީރާއި މަސް ރޭސް އަދި ރައްޔިތުންގެ ބާބެކިއުގައި އަލީ ވަނީ ބައިވެރިވެފައެވެ. އަދި އާއިލީ ހަވީރުގައި ކުޑަކުދިންނާއެކު ފޮޓޯ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. -- ފޮޓޯ: އަލީ ހުޝާން

އީދުގެ އެންމެ ފޯރިގަދަ ކުޅިވަރު ހަރަކާތަކަށްވީ ވާދެމުމުގެ މުބާރާތެވެ. ފަސް ޓީމަކުން ބައިވެރިވި މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ފައިސާގެ އިނާމު ހުށައަޅާފައި ވެއެވެ. މި މުބާރާތުގައި ދަނގެތީގައި އުޅޭ ބިދޭސީން ވަނީ ދެ ޓީމެއް ނެރެފައެވެ. މުބާރާތް ކުރިއަށް ދިޔައިރު ރަށުގެ މުޅި ރައްޔަތްހެން އޮތީ އޯޕަސްޓޭޖް ސަރަހައްދުގައެވެ. -- ފޮޓޯ: އަލީ ހުޝާން

"ރަނި ރަހަ" ނަމުގައި ބޭއްވި ކެއްކުމުގެ މުބާރާތުގައި ނުވަ ޓީމު ވާދަކުރިއެވެ. މިއީވެސް ފައިސާގެ އިނާމު ހުށައަޅައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މުބާރާތް ތިން ރޭ ކުރިއަށް ގެންދިޔައެވެ. ފުރަތަމަ ރޭ ދެ ޓީމެއް އަދި ދެވަނަ ރޭ ތިން ޓީމެއް މުބާރާތުން ވަކިވާން ޖެހުނެވެ. ފައިނަލްގައި ވާދަކުރީ ހަތަރު ޓީމެކެވެ. ކޮންމެ ރެއަކު ޓީމުތަކުން ކައްކާ ކެއުންތަކަށް އިންސާފު ކުރީ މި ދާއިރާއިން ދަނގެތީގައި އެންމެ ފާހަގަ ކޮށްލެވޭ ތިން ބޭފުޅުންނެވެ. މިއީ މިފަދަ މުބާރާތެއް މި ރަށުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. -- ފޮޓޯ: އަލީ ހުޝާން

ބޮޑު މަސް ބޭނުމަކީ އީދުގެ އެންމެ މަޖާ އެއް ކުޅިވަރެވެ. އެކި ރަށްރަށުގައި މި ކުޅިވަރު ތަފާތު އެކި ގޮތްގޮތަށް ކުޅެ އުޅެއެވެ. މި ރަށުގައި ބޮޑު މަސް ބޭނުން ކުރިއަށް މި ގެންދިޔައީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ. އެހެން ކަމުން ކުދި ބޮޑު އެންމެން މި އީދުގައި އެންމެ އިންތިޒާރު ކުރީ މި ހަރަކާތަކަށެވެ. މި ހަރަކާތްވެސް ވީ ދަނގެތީގެ އީދު ފޯރި އިތުރު ކުރުވި ހަރަކާތަކަށެވެ. -- ފޮޓޯ: އަލީ ހުޝާން

މި ފަހަރުގެ އީދުގައި ކުރިއަށް ގެންދިޔަ މަސްރޭހުގައި ވާދަވެރިކަން ވަރަށް ބޮޑުވިއެވެ. ރަށުގެ ވަރަށް ގިނަ ބަޔަކު އެކުވެ ޓީމުތައް ވާދަކުރިއެވެ. މުބާރާތުގައި އެންމެ ގިނަ މަސް ބޭނި ޓީމާއި އެންމެ ބޮޑު މަސް ބޭނި ޓީމާއި އެންމެ ބަރު މަސް ބޭނި ޓީމު ހޮވިއެވެ. އަދި އެންމެ ގިނަ މަސް ބޭނި މީހާ ހޮވިއެވެ. މި މުބާރާތަށްވެސް ފައިސާގެ އިނާމު ހުށައަޅާފައި އޮތެވެ. މަސް ބާނަން ޓީމުތަކަށް ލިބުނީ ހަތަރު ގަޑިއެއްހާ އިރެވެ. ބައެއް ޓީމުތަކުން ވަރަށް ގިނަ މަސް ބައިފައި ހުއްޓެވެ. -- ފޮޓޯ: އަލީ ހުޝާން

އީދުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ރައްޔިތުންގެ ބާބެކިއު އެއް ބޭއްވިއެވެ. އީދުގެ އެންމެ ފަހު ރޭ ދަނގެތީގެ ހުރިހާ ރައްޔިތުންނަށް އޮތީ ބާބެކިއު ތައްޔާރު ކޮށްފައެވެ. ވަރަށް ގިނަ ބަޔަކު ބާބެކިއު ހަރަކާތުގައި ބައިވެރިވި އެވެ. މިއީ މުޅި ރަށް އެކުވެރި ކޮށްދިން އެންމެ ބޮޑު ހަރަކާތެވެ. މަސް ރޭހުގައި ބޭނި ހުރިހާ މަހެއްހެން ފިހުނެވެ. އަދި ތަފާތު ކެއުންތައް ތައްޔާރު ކޮށްފައި ހުއްޓެވެ. -- ފޮޓޯ: އަލީ ހުޝާން

މިއީ މި ފަހުން ދަނގެއްޗަށް އައި އެންމެ އުފާވެރި އީދެވެ. އަދި އީދުގެ ކުޅިވަރު ހަރަކާތްތައް އެންމެ ތަފާތު އީދެވެ. "ޖަމިއްޔަތުލް ޤަލަމް" އިން ވަނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ރިވެތި ގޮތުގައި އީދުގެ ކުޅިވަރު ހަރަކާތްތައް ކުޅެވޭނެ ކަން ދައްކައިދީފައެވެ. އެ ހަރަކާތްތަކުން ރަށުގައި ފޯރި ގަދަވިއެވެ. އެކުވެރިކަން އާލާވިއެވެ. ގުޅުންތައް ބަދަހި ވިއެވެ. އުފާވެރިކަން ލިބުނެވެ. -- ފޮޓޯ: އަލީ ހުޝާން