ދިރާގު

ރަށްރަށުގައި ކުރިއަށްދާ އީދު ހަރަކާތްތައް ގުޅުވައިދިނުމުގައި ދިރާގު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ އީދު ހަރަކާތްތައް ގުޅުވައިދީ ބޭއްވުމަށް ދިރާގުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެގޮތުން ދިރާގުގެ އަޟްހާ އީދު ހަރަކާތްތަކުގެ ތެރެއިން އެކުންފުނިން ވަނީ ގައުމީ ފެންވަރުގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތިން ރަށް ކަމަށްވާ ރ. އުނގޫފާރު، ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރުން ދެކުނަށް ގިނަ ރަށްތަކެއްގެ އީދު ހަރަކާތްތަކުގައިވެސް ދިރާގުގެ ބައިވެރިވުން ފެނިގެންގޮސްފައިވެ އެވެ.

އޭގެ ތެރޭގައި ހއ. ވަށަފަރު، އދ. ދަނގެތި، ފ. ފީއަލި، ދ. ހުޅުދެލި، ގއ. ކޮލަމާފުށި އަދި އައްޑޫ ސިޓީ ހިމެނެ އެވެ. ދިރާގުގެ އެހީތެރިކަމާ އެކު މި ރަށްރަށުގައި ސަގާފީ ގިނަ ހަރަކާތްތަކެއްގެ އިތުރުން ކުޅިވަރު ހަރަކާތްތައްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

އީދު ހަރަކާތްތަކާ ގުޅޭ ގޮތުން ދިރާގުގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވަނީ އަޟްހާ އީދަކީ ރާއްޖޭގައި އަބަދުވެސް ވަރަށް ފޯރިގަދަކަމާ އެކު ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ދުވަހެއްކަން ފާހަގަކުރައްވާފަ އެވެ.

"އެހެންކަމުން ދިވެހި މުޖުތަމައުގެ ތެރޭގައި އޮންނަ ޒަމާންވީ އެއްބައިވަންތަ ކަމުގެ ރޫހު އާލާކުރުމަށް އެކި ރަށްރަށުގައި ބާއްވާ މި ހަރަކާތްތަކަށް ދިރާގުން އަބަދުވެސް އެއްބާރުލުންދޭން މަސައްކަތް ކުރަމުން ދާނަން," ޖައިޝަން ހަމީދު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އީދު ފާހަގަކުރުމަށް ދިރާގުން ވަނީ މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެން މިއަދު ހެނދުނު އީދު ބޮނޑިބަތް ހަރަކާތް ބާއްވާފަ އެވެ. އަދި މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި "އީދު މަޖާ" ނަމުގައި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައިވެ އެވެ. މި ހަވީރުގެ ޕާޓްނަރަކީ އެޑްވެންޗާ އަޕް އެވެ.

މީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން މިމަހުގެ 15 އިން 17 އަށް "މައިހުޅުމާލެ އީދު އުފާ 2024" ގެ ނަމުގައި ހުޅުމާލޭގައި ތަފާތު ސަގާފީ ކުޅިވަރުތަކާއި ދިރާގު އީދު ބޮނޑިބަތް އަދި ކުޑަކުދިންގެ ހަވީރު ފަދަ ހަރަކާތްތައް ކުރިއަށްދާނެ އެވެ.

މީގެ އިތުރުން މެދުކެނޑުމަކަށްފަހު ދިރާގުން ވަނީ އެކުންފުނީގެ އީދު ޝޯ ހުނަރުވެރި، ދިވެހި މިއުޒިޝަނުންގެ ލައިންއަޕަކާ އެއްކޮށް ބޭއްވުމަށް ހަމަޖައްސާފަ އެވެ.

މި ޝޯ އޮންނާނީ މާދަމާ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އަދި ޝޯގެ ތެރެއިން އެކުންފުނީގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުންވެސް އޮންނާނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ސަގާފީ އަދި އިޖުތިމާއީ ތަފާތު ހަރަކާތްތަކަށް އެއްބާރުލުން ދީ، އެއްބައިވަންތަކަމުގެ އިހުސާސް އާލާކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކުރުމަށެވެ.