ދިރާގު

ދިރާގު އީދު ޝޯ އާއި "ވިން އަ ޓެސްލާ" ލަކީޑްރޯ މިމަހު 17ގައި

ދިރާގު އީދު ޝޯ އާއި އެ ކުންފުނީގެ "ވިން އަ ޓެސްލާ" ލަކީޑްރޯ މިމަހުގެ 17 ވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ދިރާގުން ބުނީ މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ބާއްވާ މި އީދު ޝޯގައި މަޝްހޫރު މިއުޒިޝަނުން ބައިވެރިވާނެ ކަމަށެވެ.

އެގޮތުން ރެވިއޯ، ސްކައިރޮކް، އީކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، ޑީޖޭ އަލީ އަދި ސިމްބޮލިކް ރެކޯޑްސް ފަދަ ހުނަރުވެރި ދިވެހި މިއުޒިކް ކުޅުންތެރިން ޝޯއިން ފެނިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ގިނަ ބަޔަކު އިންތިޒާރުކުރާ ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތުގެ ނަސީބުވެރިޔާވެސް މި ޝޯގައި އިއުލާނު ކުރެވިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު އީދު ޝޯ އާ ގުޅޭ ގޮތުން ދިރާގުގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި މެދުކެނޑުމަކަށް ފަހު ދިރާގު އީދު ޝޯ އަލުން އާންމުންނާ ހަމައަށް ގެނެސް ދިނުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"ޝޯ ގެ ތެރޭގައި ހުނަރުވެރި ދިވެހި ފަންނާނުންގެ ރާގުތައް އިވުމުގެ އިތުރުން އަޅުގަނޑުމެންގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ކާރުގެ ވެރި ފަރާތްވެސް އިނގިގެން ދާނެ،" ޖައިޝާން ވިދާޅުވި އެވެ.

މި ޝޯ އާއެކު އީދުގެ ރޫހު އާލާވެ، ބެލުންތެރިންގެ ހަނދާނުން ނައްތާނުލެވޭ ފަދަ ފުރިހަމަ ތަޖުރިބާއަކަށް މި ޝޯވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ޖައިޝާން ވިދާޅުވި އެވެ.

"ވީހާވެސް ގިނަ ބޭފުޅުން ރައްޓެހިންނާއި އާއިލާއާއެކު ޝޯ ބަލާލުމަށް ވަޑައިގަންނާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

ދިރާގު އީދު ޝޯ އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކްގައ ެވެ.

މި ހަރަކާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.