ދިރާގު

ދިރާގާއި އެޗްޑީސީ ގުޅިގެން "ހުޅުމާލެ އީދު އުފާ 2024" ބާއްވަނީ

ދިރާގާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ނިންމައިފި އެވެ.

"ހުޅުމާލެ އީދު އުފާ 2024" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ދިރާގާއި އެޗްޑީސީގެ އިތުރުން ޝީޝާ މޯލްޑިވްސް ގުޅިގެން ހުޅުމާލޭގައި މިމަހުގެ 15 އިން 17 ގެ ނިޔަލަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ ތެރޭގައި އީދު ވެދުން، ބޮޑު ހުޅުޖެހުން، ބޮޑުމަސް ބޭނުން، މާލި ޕެރޭޑް އަދި ކޯޑި ކެނޑުން ފަދަ ސަގާފީ އީދު ހަރަކާތްތައް ހިމެނެ އެވެ.

މީގެ އިތުރުން މިމަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި އީދު ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭ ގޮތުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގެ ރައްޔިތުންނަށް މިފަދަ އީދުގެ ހަރަކާތްތަކެއް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޟްހާ އީދަކީ އަބަދުވެސް އަޅުގަނޑުމެން ދިވެހިން އެއްބައިވަންތަކަމާއެކު ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ކަމެއް. އެހެންކަމުން މި އީދުގައިވެސް ތަފާތު ސަގާފީ ހަރަކާތްތައް އާންމުންނަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" މިރްޝާން ވިދާޅުވި އެވެ.

ހުޅުމާލޭގައި އީދު ފާހަގަކުރުމުގެ ހަރަކާތްތަކާ ގުޅޭ ގޮތުން އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަހުމަދު ޔާމީން ވަނީ މިފަދަ ހަރަކާތްތަކަކަށް ދިރާގުން ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

"އަޟްހާ އީދުގެ ހަރަކާތްތަކަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ވަރަށް މުހިންމު ބައެއް. އެގޮތުން މިފަދަ ފޯރިގަދަ ހަރަކާތްތަކެއް ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ގެނެސްދިނުމުގައި ދިރާގުން އަޅުގަނޑުމެންނާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެއްވާ ކަމަށްޓަކައި ޝުކުރު ދަންނަވަން،" ޔާމީން ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އީދު ނަމާދަށްފަހު ދިރާގު އީދު ބޮނޑިބަތް އީދު ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން ދިރާގު އީދު ޝޯ އަދި އެކުންފުނީގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ލަކީޑްރޯ ހަރަކާތް މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކްގައި އޮންނާނެ އެވެ. މި ދެ ހަރަކާތުގައިވެސް ހޯސްޓިން ޕާޓްނަރަކީ އެޗްޑީސީ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުން ދެމުންނެވެ.