ހުޅުމާލޭގައި އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ ހަރަކާތްތަކެއް ރާވައިފި އެވެ.
އެޗްޑީސީ އިން ބުނި ގޮތުގައި "މައި ހުޅުމާލެ އީދު އުފާ ޕަވާޑް ބައި ދިރާގު" ގެ ނަމުގައި ބާއްވާ ހަރަކާތްތައް ތިން ދުވަހަށް ކުރިއަށްދާނެ އެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދާނީ ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ގޮތަށް ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ގޮތުން ހުޅުމާލޭގައި އީދު ހަރަކާތްތައް ފެށުމުގެ ގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އީދު ވެދުމާދިއުމުގެ ހަރަކާތެއް ބޭއްވުމަށް ވަނީ ރާވާފަ އެވެ. މި ހަރަކާތް އޮންނާނީ އެރޭ 8:30 ގައި އެޗްޑިސީ ހެޑް އޮފީސް ކުރިމަތީގަ އެވެ. އަދި އެރޭ 9:00 ގައި ހުޅުމާލެ ޗެނަލް ބީޗް ސަރަހައްދުގައި "ބޮޑު ހުޅު" ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކްގައި އަދި ހުޅުމާލެ ފޭސް ދެއެއްގައި ކްރިކެޓް ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ވަނީ ހަމަޖެހިފަ އެވެ.
އީދު ދުވަހުގެ ހަރަކާތްތައް
- ދިރާގު އީދު ބޮނޑިބަތް: ހެނދުނު 7:30 - ހުޅުމާލެ ފޭސް އެކެއް ސިންތެޓިކް ޓްރެކް
- ގްރީސް ޕޯލް: ހަވީރު 4:00 - ސެންޓްރަލް ޕާކް
- ކުޑަކުދިންގެ ހަވީރު: 4:00 - ސެންޓްރަލް ޕާކް
- މާލި ޕެރޭޑް: ހަވީރު 4:30 - ސެންޓްރަލް ޕާކް
- ބޮޑުމަސް ބޭނުން: ރޭގަނޑު 8:00 - ސެންޓްރަލް ޕާކް
- ހަވާ އެރުވުން: ރޭގަނޑު 9:00 - ސެންޓްރަލް ޕާކް
އީދު ފާހަގަކުރުމަށް ޖޫން 17 ވަނަ ދުވަހު ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ކޯޑި ކެނޑުމާއި ކުޑަކުދިންގެ ހަވީރެއް ހިމެނެ އެވެ. މި ދެ ހަރަކާތްވެސް އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 ގައި ސެންޓްރަލް ޕާކްގަ އެވެ.
އެޗްޑީސީން ބުނީ އީދު ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ލަކީޑްރޯގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ ޖޫން 17 ވަނަ ދުވަހު ހަވީރު 6:00 ގައި ސެންޓްރަލް ޕާކްގަ އެވެ.
މީގެ އިތުރުން ދިރާގު އީދު ޝޯ އެ ރޭ 8:30 ގައި ސެންޓްރަލް ޕާކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.