ދިރާގު

ދިރާގުން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި

ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

"ގޯގްރީން 2024" ގެ ނަމުގައި ބޭއްވި މި ހަރަކާތް ފައްޓަވައި ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "ފަސް މިލިއަން ގަސް" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

"ގޯގްރީން 2024" ހަރަކާތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްލަ 1،000 ގަސް އިންދާފައިވެ އެވެ.

އޭގެ ތެރޭގައި މަގޫ (ސީ ލެޓިއުސް)، ކުރެދި (އަޔަންވުޑް)، ދިގުގާ (ސީ ހިބިސްކަސް)، ހިރުންދު (ޕޯޓިއާ ޓްރީ) އަދި ރުއް ހިމެނެ އެވެ. އެގޮތުން ދިރާގުން ވަނީ މި ހަރަކާތަށް ޖުމްލަ 255 ގަސް ހަދިޔާކޮށްފަ އެވެ.

ދިރާގު، ކްލީން މޯލްޑިވްސް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އައިކެއާ މޯލްޑިވްސްގެ އޮފިޝަލުންނާއި ވޮލަންޓިއަރުން އަދި އެހެނިހެން ފަރާތްތަކުންވެސް ވަނީ ގަސް އިންދުމުގެ ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ.

ތިމާވެށީ ހިމާޔާތްކޮށް ދެމެހެއްޓެނިވި ކުރުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސެވެ. އެގޮތުން، މި ހަރަކާތުގެ ސަބަބުން ދުޅަހެޔޮ ދުނިޔެއެއް ގާއިމްކޮށް ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދީ، މޫސުމަށް އަންނަ ބަދަލުތައް ކުޑަކޮށް، އިޖްތިމާއީ ރޫހު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.