ހުޅުމާލެ

ހިޔާ ސަރަހައްދުގެ މޮބައިލް ކަވަރޭޖް ރަނގަޅުކުރަން ޓަވަރުތަކެއް ޖަހަނީ

Dec 30, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގެ މޮބައިލް ކަވަރޭޖް ރަނގަޅުކުރަން ޓަވަރުތަކެއް ޖެހުމަށް ދިރާގާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސެލިއުލާ ޓަވަރުތައް ޖެހުމަށް ހަމަޖެހިފައިވަނީ ހިޔާ ފުލެޓުތަކުގެ ޓަވަރު ދޭއް އަދި ތިނެއްގެ އިމާރާތުގެ މަތީގަ އެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމުގެ ދަށުން ދިރާގުން ސެލިއުލަ ރޫފްޓޮޕް ޓަވަރުތަކެއް އިންސްޓޯލްކޮށް އޮޕަރޭޓް ކުރާނެ ކަމަށެވެ. މި ޓަވަރުތަކުގެ ސަބަބުން ހިޔާ ސަރަހައްދުގެ މޯބައިލް ކަވަރޭޖް މިހާރަށް ވުރެ އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށްވެސް ބުންޏެވެ.

ހިޔާ ފުލެޓު ސަރަހައްދާއި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެހެން ސަރަހައްދުތަކުގައިވެސް މޯބައިލް ކަވަރޭޖް ރަނގަޅުކޮށް އިތުރަށް ހިދުމަތް ފުރިހަމަކުރުމުގެ މަސައްކަތްތަކެއް އެޗްޑީސީން ދަނީ ކުރަމުންނެވެ. އެގޮތުން ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިންވެސް އެޗްޑީސީން ވަނީ ހިޔާ ސަރަހައްދުގައި މުއާސަލާތީ ހިދުމަތްދޭ ހުރިހާ ފަރާތަކަށް ބޭނުން ކުރެވޭގޮތަށް ހަތަރު މުއާސަލާތީ ޓަވަރު ގާއިމުކޮށްފަ އެވެ. މި ޓަވަރުތައް މެދުވެރިކޮށް ދިރާގު އަދި އުރީދޫގެ މޯބައިލް ކަވަރޭޖް ހިދުމަތް މިހާރުވެސް އެ ސަރަހައްދުގައި ފޯރުކޮށްދެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތަކީ އެޗްޑީސީގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ވެސް މިމަހުގެ 13 ވަނަ ދުވަހު އެޗްޑީސީން ހޯދާފައިވެ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗާ ފުޅާކޮށް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މިފަދަ ހިދުމަތްތައް ދޭ ކުންފުނިތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

"ހިޔާ ސަރަހައްދުގައި ހުރި ހުރިހާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގާތުން އެޗްޑީސީން ދަނީ މަސައްކަތްކުރަމުން. އަދި މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހިޔާގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާ އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަން ވަނީ ދެނެގަނެފައި. މި ކޯޕަރޭޝަންގެ އަމާޒަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ އެދޭގޮތަށް ކަންކަން ނިންމާ ކުރިޔަށް ގެންދިއުން،" އެޗްޑީސީގވެ އޮފިޝަލަކު ވިދާޅުވި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ސިޓީ އަކަށް ހެދުމަށް އެ ކުންފުނިން އަބަދުވެސް އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން ހުޅުމާލެ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ މުއާސަލާތީ ކަންކަން ހަރުދަނާ ކުރުމަކީ އެއް އަމާޒު ކަމަށް ބުންޏެވެ.

މުއާސަލާތީ ޓަވަރުތަކުގެ އިތުރުން ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މައިގަނޑު އެއް އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓުވޯކެއް އެޗްޑީސީން ވަނީ ހުޅުމާލޭގައި ގާއިމުކޮށްފަ އެވެ. ހިޔާ ފްލެޓުތައް، ސްޓެލްކޯ، އެމްއޭސީއެލް އަދި އެހެން އިމާރާތްތަކުގައިވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް އޯޕަން އެކްސެސް ނެޓުވޯކް މެދުވެރިކޮށް، ދިރާގު، އުރީދޫ، މީޑިއާނެޓު އަދި އާރްއޯއެލްގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.