ހުޅުމާލެ

ހުޅުމާލޭގައި ޑްރޯން ޝޯއަކާ އެކު ހަވާ އެރުވުން

ފިތުރު އީދު ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއަކާ އެކު ހަވާ އަރުވަން ނިންމައިފި އެވެ.

އެޗްޑީސީ އިން އިންތިޒާމު ކުރާ ޑްރޯން ޝޯ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. ހަވާ އެރުވުމަށް ނިންމާފައިވަނީ މިރޭ 9:00 ގައެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.

އެޗްޑީސީ އިން ބުނީ އީދާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް އިންތިޒާމު ކުރީ ވީހާވެސް ކުލަގަދަކޮށް އީދުގެ އުފާ ފާހަގަކުރުމަށް ކަމަށެވެ.

ފިތުރު އީދު ފާހަގަކުރުމަށް އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން މާލޭގައިވެސް ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

އެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ސަލްޓަން ޕާކާއި، އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްމީ ބޮޑު ފާލަން ސަރަހައްދުގައެވެ.

މާލޭގައި ކުރިއަށްދާ ހަރަކާތްތަކުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.