މި އަހަރުގެ ހާލަތަށް ބަލައި ސަރުކާރުން އަންދާޒާކުރީ އެއް މިލިއަން ޓޫރިސްޓުން ހަމަ ކުރުމެވެ. ނަމަވެސް މިހާރު ރާއްޖެ އަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދުން ހިސާބެއް ހަދާނަމަ ފެންނަނީ މި އަހަރުގެ ޓާގެޓަށްވުރެ އިތުރުވާނެ ކަމެވެ؛ މި އަހަރު 1.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަވަސް އިން ހެދި އަންދާޒާ އިން ދައްކަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މިހާރުގެ ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 900،808 ޓޫރިސްޓުންނެވެ. މިހާރު ދުވާލެއްގެ މައްޗަށް އަންނަ ކަމަށް ދައްކަނީ ގާތްގަނޑަކަށް 4000 ޓޫރިސްޓުންނެވެ.
މި އަހަރު ބާކީ ފަސް މަސް އޮތްއިރު އަވަސްގެ މިހާރުގެ އަންދާޒާއަކީ ސެޕްޓެމްބަރުގެ ތެރޭގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ފަހަނަ އަަޅާނެ އެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ރާއްޖެ އަންނަ ފްލައިޓްތައް އިތުރުވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ޔޫރަޕު މިހާރު އިންތިހާއަށް ހޫނުކޮށް އޮތް ނަމަވެސް ފިނި މޫސުން ލައްވާލުމެވެ. އަންދާޒާ ކުރެވޭ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް 4000 ޓޫރިސްޓުން އައި ނަމަވެސް މި އަދަދު އޮކްޓޫބަރު މަހުން ފެށިގެން މަތިވެގެން ދާނެ އެވެ. މިދިޔަ އަހަރުގެ ޓޫރިޒަމް ޓްރެންޑަށް ބަލާއިރު ނޮވެމްބަރު މަހުން ފެށިގެން މި އަހަރު ޑެއިލީ އެރައިވަލްސް 5000 އަށް އަރާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާ އެއްވަނަ، ރަޝިއާ އިތުރުވާނެ
މި އަދަދަށް ޑެއިލީ އެރައިވަލްސް މަތިވެއްޖެނަމަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން މަތިވެގެންދާނެ އެވެ. މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކަށް ބަލާއިރު އެއްވަނާގައި އޮތީ އިންޑިއާ އެވެ. އެ ގައުމުގެ ޓޫރިސްޓު ނަމްބަރު މަތިކޮށް ފެންނަނީ ގިނަ އެއާލައިން ތަކެއް ރާއްޖެއަށް ދަތުރުކޮށް އޮތް "އީޒީ އެކްސެސް" ގެ ސަބަބުންނެވެ. މިހާރުގެ އަންދާޒާއަކީ އިންޑިއާ ޓޫރިސްޓުން އިތުރުވާ އަދަދު މަދުވުމެއްނެތި ކުރިއަށް ދިއުމެވެ.
އިންޑިއާގެ ބުކިން ވެބްސައިޓްތަކުގެ ޓްރެންޑުން ވެސް ހުރީ އެގޮތަށެވެ. އަދި މިއާއެކު ރާއްޖޭގެ އެންމެ "އޯލްޑް މާކެޓް" ކަމަށްވާ ޔޫކޭ އަރައިވަލްސް އިތުރުވާނެ ކަމަށް އަންދާޒާ ކުރެ އެވެ. މިހާރުގެ ހިސާބުތައް ދައްކާ ގޮތުން އިންޑިއާއިން އައިސްފައިވަނީ 132,151 ޓޫރިސްޓުންނެވެ. އެ ގައުމުން ޖުމްލަ އެރައިވަލްސްގެ 14 ޕަސެންޓްގެ ހިއްސާއެއް އެބައޮތެވެ. އަދި އިނގިރޭސިންގެ ހިއްސާއަކީ 11 ޕަސެންޓާއެކު 104,667 މީހުުންނެވެ.
ޓޫރިޒަމް ތަޖުރިބާކާރުންގެ ރައުޔުގެ މައްޗަށް ބަލައި އަވަސްގެ އެނަލައިސްތަކުން ދައްކާ ގޮތުން މި އަހަރުގެ ޑިސެމްބަރު މަހު ޔޫކޭ މާކެޓު އެއްވަނައަށް އެރުވުމުގެ ފުރުސަތު އެބައޮތެވެ. އަދި މިއާއެކު މިހާރު ފިއްތުމެއްގެ ތެރޭގައި އޮތް ރަޝިއާ މާކެޓުވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.