AVAS PHOTO ESSAY

ކަޅު ވިލާތައް ވަށާލައި ވިއްސާރަ ހަދައިފި، ސަމާލުވޭ

އުމުރުން ދޮށީ މީހަކު ރަސްފަންނުގައި ގޮނޑިއެއްގައި މަޑުކޮށްލައިގެން އިނދެ މޫސުމަށް ވަމުންދާ ގޮތް ބަލަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

ރާއްޖެއަށް މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރެވެ. މި މޫސުމުގައި ގިނަ ދުވަސް ދުވަހު ވައިގަދަވެ، ބޯކޮށް ވާރޭވެހުމަކީ އެންމެ އާންމުކޮށް ހިނގާ ކަންކަމެވެ. އެގޮތުން މިއަދަކީވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަހެކެވެ.

މޫސުމަށް ބަލައިގެން ވިލިމާލެ ބޭރުން ސަފާރީއެއް މަޑުމަޑުން ދުއްވާފައި ދަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވާރޭވެހެމުންދާ ވަގުތެއްގައި ބަޔަކު އަމީނީ މަގުން ދުއްވާފައި ދަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ. މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 1:00 އާ ހަމައަށް އެލާޓް ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.

މާލޭގެ ދެކުނު ފަރާތު ޖެޓީގައި އުޅަނދުތަކެއް އަޅާފައިވާއިރު ވާރޭވެހުމަށް ތައްޔާރުވެފައި -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އެލާޓް ނެރެފައިވާ ސަރަހައްދުތަކުގެ ތެރޭގައި މާލެ ސަރަހައްދުވެސް ހިމެނޭއިރު މިސަރަހައްދަށް މިއަދު ފަތިހުން ފެށިގެން ދަނީ ވާރޭވެހެމުންނެވެ.

ވިލިމާލެ ކައިރިން ދޯންޏެއް ދަތުރުކޮށްފައި ދާއިރު މޫސުން ވަރަށް ބޮޑަށް ގޯސްވެފައި -- ފޮޓޯ: އަހްމަދު އަޒާން | އަވަސް
ރާއްޖެއަށް މުދާ ހިފައިގެން އައި ކޮންޓެއިނާ ކާގޯ ބޯޓެއް މާލޭ ބޭރުގައި އަޅާފައި އޮތް އިރު ވިއްސާރަ ވިލާ ނަގާފައި -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

މިއީ ހުޅަނގުގެ މޫސުމުގެ ދުވަސްވަރު ކަމަށްވާތީ ދިޔަވަރު ބޮޑު ވަގުތުތަކުގައި ނަގާ ބިޔަ ރާޅުތައް ވެސް ބައެއް ރަށްރަށުގެ ގޮނޑޮދޮށަށް ދަނީ ބިންދާލަމުންނެވެ. މިކަމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައަރައި ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް ބައެއް އިދާރާތަކުން ލަފާކުރެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުޑުމަތި ބަނަކޮށްލާފައި -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

މޫސުމާ ގައުމީ އިދާރާއިންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް ގެންދަނީ މޫސުމަށް ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. ވައިގަދަވެ ކަނޑުގަދަ ނަމަ ކަނޑުދަތުރުތައް ފަސްކޮށްލުމަށް ނުވަތަ މަޑުޖައްސާލުމަށްވެސް އިދާރާ ތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

މާލޭގެ އުތުރު ފަރާތު ޖެޓީގައި އުޅަނދުތަކެއް އަޅާފައިވާއިރު ވިއްސާރަ ހަދާފައި -- ފޮޓޯ: އަހްމަދު އަޒާން | އަވަސް
ވިލިމާލެ ކައިރިން ލޯންޗެއް ދަތުރުކޮށްފައި ދާއިރު ވިއްސާރަ ހަދާފައި -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުން މިދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެން ބޮޑުވުމާއި ބައެއް ރަށްރަށަށް އުދައެރުމުގެ ހާދިސާތައް މިހާރުވެސް ދަނީ ހިނގަމުންނެވެ. އެކަމަކު އަދި މިފަދަ ހާދިސާއެއްގައި މި ދެ ދުވަހަކު މާބޮޑު ގެއްލުންތަކެއް ލިބިގެން އެއްވެސް ރަށަކުން އަދި އުޅޭތީއެއް ނުފެނެ އެވެ.

މާލެއާއި ވިލިމާލެއާ ދެމެދު ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ހިނގަމުންދާއިރު މޫސުން ގޯސްވެފައި -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އަންގާ އެންގުންތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުން މުހިއްމެވެ. އޭރުން ލިބިދާނެ ގެއްލުމަކު ސަލާމަތްވެވިދާނެ އެވެ. އެހެން ނޫނީ ކުރަންޖެހޭ ހިތާމަ ބޮޑުވެދާނެ އެވެ.