މާ ލޭ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން މިއަދު ފަށައިފި އެެވެ.
ގަލޮޅު ދަނޑުގައި ގުރުއަތުލުން މިއަދު 11:00 ހާއިރު ކުރިއަށް ގެންދަން ތާވަލްކޮށްފައިވީ ނަމަވެސް ގުރުއަތުލުން ފެށުނީ މިއަދު މެންދުރު 12:15 ހާއިރު އެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ ގޯތި ލިބޭ މީހުން ގުރުއަތު ނެގުމަށް އަންނަންވީ ގަޑިތައް ޕޯޓަލް މެދުވެރިކޮށް އަންގާފަ އެވެ.
މިއަދާއި މާދަމާ ގުރުއަތު ނެގުން ކުރިއަށްދާނީ ގަލޮޅު ދަނޑު ގައެވެ. އޭގެފަހުން ބުރާސްފަތި ދުވަހުން ފެށިގެން ގުރުއަތު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހެންވޭރު ދަނޑު ގައެވެ.
ގުރުއަތު ނެގުމާ އެކު ކޮންމެ މީހަކަށްވެސް އެމީހަކަށް ގޯތި ލިބޭ ތަނާއި ޕްލޮޓް ނަމްބަރު އެނގޭނެ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދައުރު ނިމުމުގެ ކުރިން ގޯތި ތަކުގެ ރަޖިސްޓްރީ ވެސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ގޯތި ލިބޭ މީހުންގެ ތެރެއިން ހުޅުމާލެ އިން ގޯތި ލިބޭ މީހުންނަށް މިއަދު ގޯތި ކަނޑާފައި ހަވާލުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ގޯތި ލިބުނު މީހުން ބުނީ މިއީ އެމީހުންގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ. ކުރިން މިކަން ހަގީގަތަކަށް ވެގެންދާނެ ކަމަށް ގަބޫލުނުކުރާ ކަަމަށްވެސް ބުންޏެވެ.
"އަޅުގަނޑު އުމުރުން 51 އަހަރު. އަޅުގަނޑުމެންގެ ހަޔާތުގައިވެސް މިއީ މާލެ މީހުންނަށް ގޯތި ދޭ ފުރަތަމަ ފަހަރު. މިކަމަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނުވޭ،" އައިމިނަތު ހުސައިން ކިޔާ މީހަކު ގުރުއަތު ނެގުމަށްފަހު ބުންޏެވެ.
ތިން ކުދިންގެ ބައްޕައެއް ކަމަށްވާ އިބްރާހީމް ރަޝީދު ބުނީ ކޮންމެ ތާކުން ގޯތި ލިބުނު ނަމަވެސް އޭނާއަށް އެންމެ ރަނގަޅު ކަމަށާއި ބޭނުންވަނީ ގޯތި ކަމަށެވެ. މިއަދު ގޯތި ލިބުމަކީ ބޮޑުވަމުން އަންނަ އޭނާގެ ތިން ކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދެވޭނެ އެންމެ ރަނގަޅު ވަސީލަތް ކަމުގައިވެސް ބުންޏެވެ.
"ހަގީގަތުގައި އަޅުގަނޑު އުޅެ ބޮޑުވި ދަތިހާލުގައި އަޅުގަނޑުގެ ދަރިން ބޮޑުުކުރަން ބޭނުމެއް ނޫން. ބިން ކޮޅެއް ލިބުމަކީ ބޮޑު އުފަލެއް،" އިބްރާހީމް ބުންޏެވެ.
މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލޭ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދާ "ބިންވެރިޔާ' ސްކީމުގައި ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ދާއިމީ ލިސްޓްގައި ހިމެނެ އެވެ.