މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތީގެ ލިޔުން މިއަދު ހަވާލުކުރަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންނަށް ގޯތި ހަވާލުކުރުން މިއަދުން ފެށިގެން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޯއްޗާއި ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބޭ މީހުން ހާޒިރުވާނެ ދުވަހާއި ގަޑި އެ މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށެވެ.

ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ މީހުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން މީހެއް އައްޔަނުކުރާނަމަ "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ ޕަވާ އޮފް އެޓާނީ ފުރިހަމަކޮށް ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ މީހާ ހަވާލުކުރަންވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ގޯއްޗާއި ހަވާލުވުމަށާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ މީހުން ގޯތި ލިބޭ މީހުންގެ އައިޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ސޮއި ކުރަން އަންނަ މީހެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވާ އޮފް އެޓާނީގެ އަސްލާއި، އައިޑީ ކާޑުގެ ކޮޕީ ހިފައިގެން އައުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝަރުތު ހަމަވި 19،639 މީހުންނަށް ޖުމްލަ 9،003 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ.

ސަރުކާރުން ނިންމާފައިވަނީ މިބުރުގައި ހުޅުމާލެ އިން 1،351 ގޯއްޗާއި، ގުޅިފަޅުން 2،219 ގޯއްޗާއި، ގިރާވަރުފަޅުން 5,433 ގޯތި ދިނުމަށެވެ. ގޯތި ދޫކުރުމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރު ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.