ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒާއި އުރުދުޣާން ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލުކުރައްވައިފި އެވެ.

ރައީސް މުއިއްޒާއި އުރުދުޣާން ބައްދަލުކުރެއްވި ކަމަށް ހާމަކުރެއްވީ ތުރުކީގެ ރައީސް އޮފީހުންނެވެ.

މިބައްދަލުވުމުގެ ފޮޓޯއެއް އެކްސްގައި ޕޯސްޓް ކުރި ނަމަވެސް ބައްދަލުވުމާ ގުޅޭ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ދިވެހި ސަރުކާރުންވެސް މިބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޑރ. މުއިއްޒު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން ބުނީ މުއިއްޒުގެ މިދަތުރުފުޅުގައި އުރުދުޣާންގެ އިތުރުން އެ ގައުމުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ދެ ގައުމުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާނެ ކަމަށްވެސް ބުންޏެވެ.

ރައީސް މުއިއްޒު މާލެ ވަޑައިގަންނަވާނީ މިމަހުގެ 30 ވަނަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ވަޑައިގެން ކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެވެ.