ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީގެ އިދާރާއަށް ބަޔަކު ދިން ޓެރަރިސްޓް ހަމަލާ ރައީސުލްޖުޖްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
ޓެރަރިސްޓުންގެ މި ހަމަލައާއި ގުޅިގެން ރައީސް މުއިއްޒު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖުގައި ވަނީ މި ހަމަލާ ކުށްވެރިކުރައްވައި މި ހަމަލާއާ ގުޅިގެން ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައީސްގެ މެސެޖުގައި ވަނީ މި ހަމަލާގެ ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާފަ އެވެ. އަދި ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރައްވާފައިވެ އެވެ.
މި މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުން ތިބީ ތުރުކީގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީގެ އިދާރާއަށް ދިން ހަމަލާގައި މިހާތަނަށް ފަސް މީހަކު މަރުވެ 22 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ތުރުކީ ސަރުކާރުން ހާމަކޮށްފައިވެ އެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުން ޓެރަރިސްޓުން އޭރޯ ސްޕޭސް އިދާރާ ދޮށަށް ދިޔައީ ޓެކްސީއެއްގަ އެވެ. އަދި އެ މަރުކަޒަށް ވަންނަން އުޅެފައި އެ ތަނުން އެކަކު އަމިއްލައަށް ގޮއްވާލީ އެވެ.