ހަބަރު

ރައީސް އޮފީހުގެ ތަރުޖަމާނަކަށް ޝަހީބް

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ކުރީގެ ނޫސްވެރިޔާ އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އައްޔަންކުރައްވައިފި އެވެ.

އަވަސްއަށް މިކަން ޔަގީންކޮށްދެއްވަމުން ޝަހީބް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން މިއަދު އޮފީހަށް ނިކުންނަވަން ފައްޓަވާފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް މި ހުށަހެޅުއްވުން ހުށަހެޅުއްވީމާ ދެން އަޅުގަނޑު މިކަން ގަބޫލުކުރީ،" ކިހިނެއް ލިބިވަޑައިގެންނެވި ފުރުސަތެއްތޯ އެހުމުން ޝަހީބް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އޮފީހަށް މިއަދާ ހަމައަށް ތަރުޖަމާނަކު ހަމަޖައްސާފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ސްޓޭޓް މިނިސްޓަރުން ފެންވަރުގައި އައްޔަންކުރެއްވި ޝަހީބަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ޝަހީބަށް ލިބިވަޑައިގެންފައިވެ އެވެ.

ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި -- ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ ގޮތުގައި ޝަހީބް ހުންނަވައިގެން އެ ދުވަސްވަރު ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވެ އެެވެ. އަދި އޭނާ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ޝަހީބް މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.