ރައީސް އޮފީސް

ހުސައިން ސައީދު ސްޓޭޓް މިނިސްޓަރަކަށް

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް -- ހުސައިން ސައީދު، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފި އެވެ.

ހުސައިން މަގާމުގެ ލިޔުން ހަވާލުކުރީ މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ތައުލީމީ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ ހުސައިން ސައީދު މީގެ ކުރިން ވަނީ އއ. އަތޮޅާއި، މާލެ އަތޮޅުގެ އިތުރުން އައްޑޫ ސިޓީގެ އަތޮޅުވެރިކަންވެސް ކުރައްވާފަ އެވެ.

އިސްކަންދަރު ސްކޫލުގައި އެކަނިވެސް ސައީދު ވަނީ ޕްރިންސިޕަލެއްގެ ގޮތުގައި 13 އަހަރު މަސައްކަތް ކުރައްވާފަ. ހުޅުމާލޭގައި އެންމެ ފުރަތަމަ ހުޅުވި ސްކޫލު ކަމަށްވާ -- ގާޒީ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލަކީ ވެސް ސައީދު އެވެ.

ސައީދުގެ ތައުލީމީ ހަޔާތަށް ބަލާއިރު އޭނާ އަކީ ޓީޗިން ދާއިރާ އިން ފުރަތަމަ ޑިގްރީ އަދި އެޑިޔުކޭޝަން މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ސައީދު ހިމެނޭ ގޮތަށް ސްޓޭޓް މިނިސްޓަރުންގެ މަގާމުގައި ހަތަރު ބޭފުޅުން މިހާރުވެސް އެބަތިއްބެވި އެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރައިގެ ގޮތުގައި 32،000 ރުފިޔާއާއި އެލަވަންސްތަކާ އެކު މަހަކު 47،000 ރުފިޔާ ލިބެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެވެސް ވަނީ ސްޓޭޓް މިނިސްޓްރީގެ މަގާމަށް 13 ބޭފުޅަކު އައްޔަންކުރައްވާފަ އެވެ. ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އަދި އެ ފެންވަރުގައި އައްޔަންކުރެއްވި ބޭފުޅުންގެ އަދަދު މިހާރު ވަނީ 66 އަކަށް އިތުރުވެފަ އެވެ.