ޑރ. މުހައްމަދު މުއިއްޒު

ސަރުކާރަށް ފާޑުކިޔަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ހަބަރުތައް ލިޔަމުން ދިޔަ ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހެދުމަށް އެ ދެ ވެބްސައިޓް ބްލޮކްކޮށްފި އެވެ.

ސަރުކާރުގެ ރޭގެ ވަގުތެއްގައި ބްލޮކް ކުރި ދެ ވެބްސައިޓަކީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ.

މި ވެބްސައިޓް ބްލޮކް ކުރި ކަމެއްވެސް އަދި ބްލޮކް ކުރި ސަބަބެއްވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް / މަޖައްލާއެއް ސަރުކާރުން ބަންދުވެސް އަދި ބްލޮކް ވެސް ނުކުރާނެ ކަމަށެވެ.

"ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަހީބް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާ
މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
ގާނޫނުއަސާސީގެ 28 ވަނަ މާއްދާ

ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.

ސަރުކާރުން ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރެއިން ފެށިގެން ބަރަހަނާ މަންޒަރުތައް ހުންނަ ވެބްސައިޓްތައް ބްލޮކްކޮށްފަ އެވެ. އަދި އެފަދަ ހުރިހާ ވެބްސައިޓެއް ބަންދުކުރާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ. އެކަމަކު ރޭގެ ވަގުތެއްގައި ބްލޮކް ކުރި ދެ ވެބްސައިޓަކީ ބަރަހަނާ މަންޒަރުތައް ގެނެސްދޭ ވެބްސައިޓްތަކެއް ނޫނެވެ. އެ ދެ ވެބްސައިޓުން ގެންދަނީ ސަރުކާރުގެ ވެރިންނަށް ފާޑުކިޔައި ސަރުކާރުގެ ތެރެއިން ގޯސްކޮށް ހިނގާ ކަމަށް ފެންނަ މައްސަލަތައް އާންމުންނަށް ތިލަކޮށްދެމުންނެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފަ އެވެ. އަދި ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަންވެސް ކަށަވަރުކޮށްދީފަ އެވެ.

ސަރުކާރުގެ އިދާރާތަކުން އެއްވެސް މައުލޫމާތެއް ކުރިން ހާމަކުރުމެއް ނެތި ސަރުކާރަށް ފާޑުކިޔަމުން ދިޔަ ދެ ވެބްސައިޓެއް ބަންދުކޮށްފައިވާތީ ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ގެންދަނީ ސޯޝަލްމީޑިއާގައި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ތިން ކުންފުނިން އެއްވެސް ވެބްސައިޓެއް ބްލޮކް ކުރާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އެންގުމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ކޭމް ހިންގަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްގެ ދަށުންނެވެ. މިތަނުގެ ވަޒީރަކީ އާދަމް ޝަރީފް އުމަރު އެވެ.