ރައީސް އޮފީސް

ރޯދަ މަހުގެ ފަހު 10 ބަންދުވާނެ ކަމަށް އަންގައިފި

މި އަހަރުގެ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅުއްވައި ދައުލަތުގެ އިދާރާތަކަށް އެކަން އަންގަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ބަންދުކުރެއްވުމަކީ، މި ސަރުކާރުގެ ރިޔާސީ ވަޢުދަކަށްވާތީ ކަމަށެވެ.

ރަމަޟާން މަހުގެ ފަހު ދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންގެވުމުގައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ހިދުމަތްތައް ދެއްވަމުން ގެންދަވާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ކުންފުނިތަކާ ބައްދަލުކޮށް، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ހިދުމަތްތައް ދިނުމުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފަ އެވެ.

މުއައްސަސާތަކުން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް އެކި ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފުކޮށްދިނުމަށާއި އެކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކުރުމަށްވެސް ކުންފުނިތަކާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުން ވަނީ އެދިފަ އެވެ.