ޑރ. މުހައްމަދު މުއިއްޒު

ކަނޑުން ގެއްލުވާލި ބައި ހޯދާނަން: ރައީސް

ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ކަމަށް ބުނާ ބައި އަނބުރާ ހޯއްދަވައިދެއްވައި ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ ހިތޯބެއްގައެވެ.

ރައީސްގެ ހިތޯބުގައި އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އަދި އެފަދަ ހާލަތަކަށް ދިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވައި އެމަނިކުފާނު ވަނީ ގައުމަށް ތެދުވެރިވެ، ދީނަށް ހުރުމަތްތެރިކޮށް ހިތައި، ދައުލަތަށް ވަފާތެރިވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވަނީ އަލިރަސްގެފާނުގެ ގައުމީ ޖިހާދުގެ ހާދިސާއާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ ހައްގަށް ނަސްރު ދެއްވާނެ ކަމުގެ ފިލާވަޅު ކަމެވެ. އަދި އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާއި، އެ ރަދުން ގައުމާ މެދު އޮތް ލޯބީގެ ފުންކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ދައުލަތަށް ހުރި ވަފާތެރިކަން ފާހަގަކުރައްވައި އެފަދަ ސިފަތައް އަށަގެންނެވުމަށް އެދިވަޑައިގެންނެވި އެެވެ.

ރައީސް އިތުރަށް ވިދާޅުވީ ޝަހީދުންގެ ދުވަސް ބައްދަލުކުރަނީ މުހިއްމު ގައުމީ އެތައް ފިލާވަޅަކާއެކު ކަމަށާއި، އެ ފިލާވަޅުތަކުން ދޭހަކޮށްދޭ އިބުރަތްތައް ހާސިލުކުރުމަށްޓަކައި ތާރީހުގެ ފަތްފުށްތައް ބަލަންޖެހޭ ކަމަށެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ ތަފްސީލީ ގޮތެއްގައި ތާރީހުގެ ފަތްފުށްތަކުން ފެންނަ ހެކިތަކާއެކު އެއިން ލިބިދޭ ފިލާވަޅުތައް މިއަދުގެ ހިތޯބުގައި ވިދާޅުވެ ދެއްވާފަ އެވެ.

ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތު ބޮޑުވެފައި އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުން ދިރާސާކުރުމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނޭހެން ރާއްޖެއިން ބޭރުގެ ވަކީލުންގެ ޓީމެއް މިސަރުކާރުގައި ވަނީ އެކުލަވާލާފަ އެވެ. އަދި މިޓީމުގެ މަސައްކަތް ނިންމާ ކަމާ ގުޅޭ ރިޕޯޓް ހުށަހެޅުމަށް ވަކި މުއްދަތެއް ވަނީ ދީފަ އެވެ.

ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ކަމަށް ބުނާ ބައި އަނބުރާ ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.