ޑރ. މުހައްމަދު މުއިއްޒު

އިސްރަށްވެހިންގެ ނާދީ ރައީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، "އިސްރަށްވެހިންގެ ނާދީ" މިއަދު ހުޅުއްވައިދެއްވައިފި އެވެ.

މިއީ ސަރުކާރުގެ ހަފްތާ14ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއުގެ ތެރެން ބިނާކުރެވުނު ފުރަތަމަ މަރުކަޒެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ދިވެހިންގެ އަސާސްތަކުގެ މަތިން ހަނދާން ބަހައްޓަން ޖެހޭ ކަމަށާއި، އެގޮތުން އިސްލާމް ދީނާއި ދިވެހި ބަހާއި ސަގާފަތާއި އާދަކާދަތަކަށް އޭގެ ފުރިހަމަ ގޮތުގައި އިހުތިރާމު އަދާކޮށްގެން ކުރިއަށް ދާންޖެހޭ ކަމުގައި ވިދާޅުވި އެވެ.

"މިހުޅުވުނު މަރުކަޒަކީވެސް މި ގައުމީ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނެ ތަނަކަށް ވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަރުކަޒުގެ ފުރިހަމަ ބޭނުން ހިފުމަށް އިސްރަށްވެހިންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ހަމައެހެންމެ އިސްރަށްވެހިންނަށް ދޭންވާ އިސްކަން ސަރުކާރުން ދެއްވާނެ ކަމަށާއި އަދި އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މީގެކުރިން ހަދާފައި ހުރި ހާއްސަ މަރުކަޒުތައްވެސް ހުރީ އަޅާނުލެވި ކަމަށާއި، މި ސަރުކާރުން އެކަންކަން ބަދަލުކުރަން ފަށާފައިވާ ކަމަށެވެ. މިސަރުކާރު ކުރިއަށްދާނީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެނޫންވެސް ހަވާސާ ވެފައިވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގާނީވެސް އެފަދަ ހަވާސާވެފައިވާ ފަރާތްތަކަށް ފުރުސަތު ދެއްވައިގެން ކަމުގައި ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އުފާގެ ނަމުގައި ބާއްވާ ފޮޓޯ މުބާރާތްވެސް ހުޅުއްވައިދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ހިދުމަތްތަކެއް ހިމެނޭ ގޮތަށް މަރުކަޒުތަކެއް ގާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.