ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިއްމު ފިޔަވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫގެ ރައްޔިތުންނާ މިރޭ ފޭދޫ ސްކޫލުގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފައިސާ ޗާޕްކުރުން ހުއްޓާލުން އެއީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުކުރާނަމަ މިއަދުވެސް ގައުމުގެ މާލީ ހާލަތު އޮތް ވަރަށްވުރެ އިތުރަށް ގޯސްވާނެ ކަމުގައި ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރު ފެށުނުއިރު 120 ބިލިއަން ރުފިޔާގެ ދަރަނި ވާރުތަވެފައިވާ ކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ފާއިތުވި ފަސްއަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރިވަރު އޭގެ ކުރީގެ 40 އަހަރު ޗާޕުކުރި ވަރަށްވުރެ ގިނަކަން ފާހަގަކުރެއްވި އެވެ.
"އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ޖުމްލަ އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިިގްތިސާދީ ހާލަތު އޮތްގޮތަށް ބަލާއިރު ފައިސާ ޗާޕްކުރުން ހުއްޓާލުމަށާއި، އިގްތިސާދީ ހާލަތު ބަދަލުކުރުމަށް މިސަރުކާރުން އެޅި ފިޔަވަޅުތަކަކީ މިހާލަތުގައި އޮތް އެއްވެސް ގައުމަކުން ނުނިންމާ ފަދަ ހިތްވަރު ގަދަ ނިންމުމެއްކަން ބައިނަލްއަގްވާމީ މާލީ އިދާރާތަކުންވެސް ފާހަގަކުރާ ކަމަށެވެ.
މީގެ އިތުރުން މިސަރުކާރުން ލޯނު ނަގައިގެން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތައްވެސް ކުރިއަށް ގެންދާނީ ދިވެހިންނަށް އޭގެ މަންފާ ކުރާ ގޮތަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން އައްޑޫސިޓީގެ ހުޅުދޫމީދޫއާއި ހިތަދޫ ގުޅުވާލާ ބުރިޖުގެ މަސައްކަތްވެސް ކުރިއަށް ގެންދާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމުގައި ވިދާޅުވި އެވެ. އެކަމަށް ބޭނުންވާ ބައެއް ސާމާނާއި ލޮޖިސްޓިކްސްގެ މަސައްކަތްތައް ފަދަ ކަންކަމުން އައްޑޫސިޓީގެ ރައްޔިތުންނަށް މަންފާކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ.
އައްޑޫސިޓީ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެހުރިހާ ކަމެއްވެސް މިސަރުކާރުން ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތަށް ބަލައި އެންމެ އިސްކަންދޭ ކަންކަން ތަރުތީބު ކުރައްވައިގެން ކުރިއަށް ދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.