ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާ ބެހޭ ކޮމިޓީ އިން މިއަދު ހުޅުއްވައިލާ، އިނާމު ދިނުމުގެ އުސޫލު ގެޒެޓްކޮށްފި އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެމީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.
މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ހިދުމަތްކުރި، ނުވަތަ ހިދުމަތްކުރަމުންގެންދާ މީހަކަށް ވާންޖެހެ އެވެ.
މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅެނީ ހަމައެކަނި "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ. އިނާމަށް ހުށަހެޅޭނީ، މިއަދުން ފެށިގެން ކުރިއަށް އޮތް މާޗް 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އިނާމަށް ހުށަހަޅާއިރު ހުރިހާ މައުލޫމާތުތައް ފުރިހަމަކުރުމަށާއި އަދި ކަމާބެހޭ ހުރިހާ ލިޔުންތަކާއެކުގައި އިނާމަށް އެދޭ ފޯމު ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން އެދިފައިވެ އެވެ.
އިނާމު ދިނުމަށް ކަނޑައެޅުމުގައި ގައުމީ އިނާމާ ބެހޭ ކޮމިޓީން ބަލާ ކަންކަމުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ގާބިލްކަމާއި، ފަރުވާތެރިކަމާއި، އިހްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތްތައް ހިމެނެ އެވެ. އަދި އެ މުއައްސަސާއިން ހިންގާފައިވާ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލްކޮށްފައިވާ ކާމިޔާބީއަށްވެސް ބެލުމަށް ހަމަޖެހިފައިވެ އެވެ. އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަގީންކުރެ އެވެ.