ބޯހިޔާވަހިކަން

ލިސްޓާ އެއްގޮތަށް ފްލެޓް ނުދޭނެ ކަމުގެ އިޝާރާތެއް!

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލާ އާންމުކޮށްފައިވީ ނަމަވެސް އެ ލިސްޓާ އެއްގޮތަށް ފްލެޓްތައް ދޫނުކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ދީފި އެވެ.

އޭސީސީ އިން މީގެކުރިން ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ މައްސަލަ ބެލުމަށްފަހު ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ފްލެޓް ދޫކޮށްފައިވާ ކަމަށް ކަމާ ގުޅޭ އިދާރާތަކަށް އަންގާފަ އެވެ.

އޭސީސީގެ ތަހުގީގު ނިންމާ އެކުލަވާލި ރިޕޯޓްގައިވާ ގޮތުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ އެންމެ 20 ޕަސަންޓް މީހުންނެވެ. އެހެންވެ އެ މީހުންނަށް ފްލެޓް ދޫކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅަން ފަށާފައިވާ 4،000 ފްލެޓް ލިބުނު މީހުންގެ ލިސްޓްގައި ބޮޑެތި މައްސަލަތަކެއް ހުރި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފްލެޓް ލިބޭ މީހުން ކަމަށް ބުނެ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން އެކުލަވާލާފައިވާ ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް އެ ލިސްޓްގައިވާ ގޮތަށް ފްލެޓް ދޫކުރުމަށް ސަރުކާރަށް އެންގުމަށް ފާސްކޮށްފަ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ކުރީގެ ސަރުކާރުން އެކުލަވާލިއިރު އެ ލިސްޓާ ގުޅޭ މައްސަލަ އޭސީސީ އިން ބެލުމަށްފަހު ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެ ލިސްޓާ އެއްގޮތަށް ފްލެޓް ދޫކޮށްފިނަމަ އެތައް ރައްޔިތެއްގެ ހައްގު ގެއްލިގެން ހިނގައިދާނެތީ އެގޮތަށް ކަންކަން ވެގެން ދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އެ ރިޕޯޓް [އޭސީސީ ރިޕޯޓް] ބޮލާލައި ޖަހައި އަޅުގަނޑުމެން އެހެން ގޮތަކަށް ނިންމުމަކީ ފްލެޓު ނުލިބޭ ފަރާތްތަކުގެ ވެސް ފްލެޓު ލިިބިފައި ފަރާތްތަކުގެވެސް ހައްގުތަކެއް ގެއްލިގެންދާ ކަމެއް،" ހީނާ ވިދާޅުވި އެވެ.

ހީނާ އިތުރަށް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓާ މެދު ސަރުކާރުން އަމަލުކުރާނީ ވީހާވެސް އިންސާފުވެރިކޮށް ކަމަށެވެ.

މަޝްރޫއުގެ ހުލާސާއެއް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އެފްޑީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.

އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.