ރައްޔިތުންގެ މަޖިލިސް

ފްލެޓް ދޫކުރުން ލަސްވާތީ ހައުސިން މިނިސްޓްރީގެ ވެރިން މަޖިލީހަށް ހާޒިރުކުރަނީ

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓް ދޫކުރުން ލަސްވާތީ ހައުސިން މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަންވެސް އެ ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމާފަ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރަމުންދާ ފްލެޓްތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައިވެސް މައުލޫމާތުދީފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅަން ފަށާފައިވާ 4،000 ފްލެޓް ލިބުނު މީހުންގެ ލިސްޓްގައި ބޮޑެތި މައްސަލަތަކެއް ހުރި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ މޭ ހަވަނަ ދުވަހު ވަނީ ފްލެޓް ލިބޭ މީހުން ކަމަށް ބުނެ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން އެކުލަވާލާފައިވާ ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް އެ ލިސްޓްގައިވާ ގޮތަށް ފްލެޓް ދޫކުރުމަށް ސަރުކާރަށް އެންގުމަށް ފާސްކޮށްފަ އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މި އަހަރުގެ މޭ މަހު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ކުރީގެ ސަރުކާރުން އެކުލަވާލިއިރު އެ ލިސްޓާ ގުޅޭ މައްސަލަ އޭސީސީ އިން ބެލުމަށްފަހު ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެ ލިސްޓާ އެއްގޮތަށް ފްލެޓް ދޫކޮށްފިނަމަ އެތައް ރައްޔިތެއްގެ ހައްގު ގެއްލިގެން ހިނގައިދާނެތީ އެގޮތަށް ކަންކަން ވެގެން ދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށްވެސް ވިދާޅުވި އެވެ.