ޑރ. އަލީ ހައިދަރު އަހުމަދު

ސްކީމަށް އެދުމުގެ ފުރުސަތު ހަމަވާތާ ތިން މަސް ތެރޭގައި ލޯނު ދޫކުރަނީ

ގެދޮރު އިމާރާތްކުރަން ހާއްސަކޮށް ސަރުކާރުން އިފްތިތާހުކުރި "ހިޔާވެހި ފައިނޭންސިން" ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާތާ ތިން މަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

މި ސްކީމަށް ހުޅުވާލީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ އަހަރުގެ އެޕްރީލް އަށް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހައިދަރު ވިދާޅުވީ އެޕްލިކޭޝަން ފޯމްތައް ލިބުމުން އިވެލުއޭޝަން މަސައްކަތް ފަށާނެ ކަމަށެވެ.

އެ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ބުރުގެ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

ގެދޮރު އިމާރާތްކުރަން ފަސް ޕަސެންޓްގެ ޕްރޮފިޓް މާޖިނެއްގައި ލޯނު ދޫކުރާ "ހިޔާވަހި ފައިނޭންސިން ސްކީމު" އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ހިޔާވަހި ފައިނޭންސިން ސްކީމުގެ ތަފުސީލު

ހިޔާވަހި ރަށްވެހި

އަތޮޅު ތެރޭގައި ހުރި ގެތައް އިމާރާތްކުރަން ދޫކުރާ މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ އެވެ. 25 އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރާ މި ލޯނަކީ ފަސް ޕަސެންޓް އިންޓަރެސްޓްގައި ދޫކުރާ ލޯނެކެވެ.

މި ލޯނު ދޫކުރާނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުންނެވެ.

ހިޔާވަހި ސަހަރު

އާބަން ސެންޓަރުތަކުގައި ގެތައް އިމާރާތްކުރަން މި ސްކީމްގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. ފަސް ޕަސެންޓް އިންޓަރެސްޓްގައި ދޫކުރާ މި ލޯނު އަނބުރާ ދައްކަން 25 އަހަރު ލިބޭނެ އެވެ.

މި ލޯނު ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ.

ހިޔާވަހި ފުރަމާލެ

މި ސްކީމްގެ ދަށުން މާލެ ސަރަހައްދުގައި ގެދޮރު އިމާރާތްކުރަން ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. 600 އަކަފޫޓަށްވުރެ ކުދި ބިންތައް އެއްކޮށްލައިގެން ގެ އިމާރާތްކުރަން ލޯނު ދޫކުރާއިރު އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ ލިބޭނެ އެވެ. މި ގޮތުން ޖުމްލަ ދޫކުރާނީ 10 މިލިއަން ރުފިޔާ އެވެ.

މާލެ ސަރަހައްދުގައި ގެދޮރު ހަދަން ދޫކުރާ ލޯނަށް 10 ޕަސެންޓްގެ އިކުއިޓީއެއް ނަގާއިރު މިއީވެސް ފަސް ޕަސެންޓް އިންޓްރެސްޓްގައި 25 އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރާ ލޯނެކެވެ.

މި ލޯނުވެސް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ.

ގެދޮރު އިމާރާތްކުރުމަށް ލޯނު ސްކީމެއް ތައާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.