ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރަސްމީ ދަތުރެއްގައި މިވަގުތު ތައިލެންޑްގައި ހުންނެވި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެ ދަތުރު ކުރުކޮށްލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.
މިނިސްޓަރު ހައިދަރު ތައިލެންޑަށް ވަޑައިގަތީ އދ. އިން ބާއްވާ ސެޝަން އޮފް ދަ ކޮމިޓީ އޮން ސްޓެޓިސްޓިކްސްގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ.
މި ހާދިސާއާ ގުޅިގެން ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީން ކުރަމުންދާ ގެދޮރުވެރިޔާ ސްކީމާގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަހައްޓާ މައުލޫމާތުތަކެއް ކަމަށެވެ.
މި ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.