ހުސައިން ޝަމީމް

ޕީޖީގެ މަގާމުން ޝަމީމު އިސްތިއުފާ ދެއްވައިފި

ޕްރޮސެކިއުޓާ ޖެނަރަލް ހ. ހެންވޭރު، ހިޔާކަން ހުސައިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިިފ އެވެ.

ޝަމީމު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކިކުރުމަށް މިރޭ މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާ ފެށި ފަހުންނެވެ.

ޕީޖީ އޮފީހުން ވެސް ވަނީ ޝަމީމު މިރޭ އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނެފަ އެވެ.

ޕީޖީ އޮފީހުން މީގެކުޑައިރުކޮޅެއް ކުރިން ބުނީ ޕީޖީގެ މަގާމުން ޝަމީމު އިސްތިއުފާ ދެއްވާފައިވާތީ އެ އޮފީސް ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވީ އެ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަހްމޫދު ސަލީމު އެވެ.

ޝަމީމު އިސްތިއުފާ ދެއްވާފައި ވަނިކޮށް މިރޭގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަނީ ކީއްވެގެންތޯ ނިޒާމީ މައްސަލައެއް ނަންގަވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު ވަނީ މަޖިލީހުގެ މިރޭގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސްއާ ސުވާލުކުރައްވާފަ އެވެ.

ޖަވާބުގައި ނާޒިމު ވިދާޅުވީ ޝަމީމުގެ އިސްތިއުފާގެ ސިޓީ ލިބެންވާނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. ނަަމަވެސް މިރޭގެ މިހާތަނަށް ޝަމީމުގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ކަމަށް އެ އޮފީހުން މަޖިލީހުގެ އިދާރާއަށް އަންގާފައި ނުވާ ކަމަށެވެ.

ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހު އެންމެ ފުރަތަަމަ ހުށަހެޅީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަކަށެވެ. ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއްކޮށް މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.

ޕްރޮސިކިއުޓަރު ޖެނެރަލްގެ މަގާމަށް ޝަމީމު އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޑިސެމްބަރު 8، 2019 ގައެވެ.