ހުސައިން ޝަމީމް

ޝަމީމު ޖަވާބުދާރީވާން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ކޮމިޓީ ސިއްރުކުރަން ނިންމީ އެ ކޮމިޓީ ސިއްރުނުކޮށް އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ޝަމީމު އެދިވަޑައިގެންފައި ވަނިކޮށެވެ.

މި ކޮމިޓީ ބައްދަލުވުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ.

ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހު އެންމެ ފުރަތަަމަ ހުށަހެޅީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަކަށެވެ. މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ކޮމިޓީން އެ މައްސަލަ ފޮނުވީ މަޖިލީހުގެ ރިޔާސަތަށެވެ.

މަޖިލީހުގެ ތަޅުމުގައި މިމަހުގެ 14 ވަނަ ދުވަހު މި މައްސަލަ ހުށަހެޅިއިރު ޕީޖީ ޝަމީމަށް ކުރެވޭ ގިނަ ތުހުމަތުތަކެއް މަޖިލީހުގެ ތަޅުމުގައި އަމީންއާންމު ވަނީ އިއްވާފަ އެވެ.

ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޝަމީމު އަމަލުކުރައްވަނީ ޕީޖީގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައްވަންޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

ޕީޖީ މަސައްކަތް ކުރަންވަންޖެހޭނީ އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ނުފޫޒަކާ ނުލައި، ހަމަހަމަކަމާއެކު ކަމަށާއި ނަމަވެސް ޕީޖީ އެގޮތަށް އަމަލުނުކުރައްވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުގައި ހުންނަވައިގެން މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުން ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވުމާއެކު އޭނާގެ މައްޗަށް ދައުވާކުރުމަށްފަހު ގާނޫނީ މާބޮޑު ސަބަބަކާ ނުލައި އެ މައްސަލަ ކޯޓުން އަނބުރާ ގެނެސް މައްސަލަ ފައިލް ކުރި މައްސަލަވެސް ފާހަގަކޮށްފަ އެވެ. މީގެއިތުރުން ކޮވިޑް 19ގެ ދުވަސްވަރު ވެންޓިލޭޓަރު ގަތުމުގެ ހިންގި ހިޔާނާތުގެ މައްސަލައާއި، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާއާއި، ސަފާރީ ރޭޕް މައްސަލައިގެ އިތުރުން ށ. މިލަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ރިޒާގެ ކުންފުންޏާ ދެކޮޅަށް ހުރި މައްސަލަތަކުގައި ޕީޖީ ޝަމީމް ރަނގަޅަށް ޒިންމާ އަދާކުރައްވާފައި ނުވާކަންވެސް ފާހަގަކުރައްވާފަ އެވެ.

ޝަމީމްގެ ޕީޖީ ކަމުގައި ބަނގުރާ ބުއިމުގެ މައްސަލަތަކުގައި އަމަލުކުރައްވާފައިވާ ގޮތުން އެއީ ކުށެއް ނޫން ކަމަށް ބެލެވެން ފަށާފައިވާ ކަމަށާއި ބަނގުރާ ބުއިމާ ބެހޭ 71 މައްސަލައެއް ޝަމީމުގެ ޕީޖީ ކަމުގައި ކޯޓުތަކުން އަނބުރާ ގެނެސްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އިންސްޓަގްރާމުގައި ބަނގުރާ ފުޅިއަކާއެކު ޝަމީމް ޕޯސްޓް ކުރުމާއި ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރެއް އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުކުރެވި، ރަސޫލާއަށް ފުރައްސާރަކުރަމުން ދިޔައިރު އެއްވެސް ފިޔަވަޅެއް ނާޅުއްވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް ޝަމީމް ހާއްސަ އިސްކަމެއް ދެއްވައިގެން ފާތުކުރުން ގެންގުޅުއްވާ ކަމަށްވެސް ތުހުމަތުކުރައްވާފަ އެވެ.