ހުސައިން ޝަމީމް

ޝަމީމު މަގާމުން ވަކިކުރަން އެމްޑީޕީ ޕީޖީ ގުރޫޕުން ނިންމައިފި

Jun 13, 2022
1

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމައިފި އެވެ.

ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ގޮތެއް ނިންމުމަށް މިމަހުގެ އެއްވަނަ ދުވަހު އޮތް ޕީޖީ ގުރޫޕްގެ ބައްދަލުވުމަށްވެސް މެންބަރަކު ހުށަހެޅުއްވި އެވެ. ނަމަވެސް އެ ދުވަހު އެ މައްސަލަ ހުށަހެޅީ އެ ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައިވާ އެހެނިހެން އައިޓަމްގެ ތެރޭގައި ކަމަށްވެފައި އެ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށްވާތީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކުރުމަށް ހުށަހެޅުމަށް ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެންގެވި އެވެ.

އަސްލަމް އެގޮތަށް އެންގެވީ އެ ދުވަހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ 65 މެންބަރުންގެ ތެރެއިން 35 މެންބަރުން ބައިވެރިވުމަކީ މަދު އަދަދެއް ކަމަށް ފެނިވަޑައިގަންނަވާތީ ވީހާވެސް ގިނަ މެންބަރުން ތިއްބަވާ ވަގުތެއްގައި އެކަމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ގޮތެއް ނިންމެވުމަށް ކަމަށް އަސްލަމް ކުރިން އަވަސް އަށް ވިދާޅުވެފައިވެ އެވެ.

"އެހެންވެ އަޅުގަނޑު އެދުނީ އެ މައްސަލަ ޕީޖީ ގުރޫޕްގެ ރަސްމީ ބައްދަލުވުމަކަށް އެޖެންޑާ ކުރަން ވަކި މައްސަލައެއްގެ ގޮތުގައި ފޮނުވަން. އޭރުން ޕީޖީ ގުރޫޕްގެ ހުރިހާ މެންބަރުންނަށް ވެސް އެ މައްސަލައާ މެދު ދުރާލާ ވިސްނުމަށްފަހު ގޮތެއް ނިންމަން ފަސޭހަވާނެ،" އަސްލަމް ވިދާޅުވި އެވެ.

މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވީ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުން ކަމަށް އެނގިފައިވެ އެވެ. މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ޖުމްލަ މެންބަރުންގެ އަދަދު ސާފުވާ ގޮތެއް ނުވި އެވެ.


ޕީޖީ ޝަމީމާ މެދު އެމްޑީޕީގެ މެންބަރުންގެ ހިތްހަމަނުޖެހުން ހުރި ވަކި މައްސަލަތަކެއް އެނގިފައެއް ނުވެ އެވެ. އެކަމަކު އެމްއެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކާއި ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލައިގެ އިތުރުން މަސްތުވާތަކެތީގެ ބޮޑުން ދޫވާ މައްސަލައިގައި ޕީޖީގެ ނިންމުންތައް ހުރި ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން މީގެ ކުރިން ޕީޖީއަށް ފާޑު ވިދާޅުވެފައިވެ އެވެ.

ޕީޖީ ޝަމީމު މީގެ ކުރިން ވިދާޅުވީ އެ އޮފީހަކީ ތަހުގީގީ އިދާރާތަކުން ފޮނުވާ ހުރިހާ މައްސަލައެއް ކޯޓަށް ހުށަހަޅައިދޭން ގާއިމުކޮށްފައިވާ "ޕޯސްޓް އޮފީހެއް" ނޫން ކަމަށެވެ. ކޯޓަށް ހުށަހަޅާނީ ސާބިތު ކުރެވޭ ގޮތަށް ހެއްކާއި ގަރީނާ ހުރި މައްސަލަތައް ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މަޖިލީހުގެ 74 މެމްބަރުންގެ އިއްތިފާގުން އޭނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމުންނެވެ.