ހުސައިން ޝަމީމް

އިސްލާމީ ޝަރީއަތުގައި މަގުމަތިން ގާނޫނު ތަންފީޒުކުރުން ހުއްދައެއް ނޫން: ޝަމީމް

Sep 4, 2022
2

އިންސާފު ގާއިމްކުރުމުގެ ޒިންމާއަކީ، ދައުލަތުން ގާނޫނު ތަންފީޒުކުރާ މީހުންނާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި، އެމީހަކަށް އިންސާފު ކަމަށް ގަބޫލުކުރެވޭ ކަންކަން އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި އަދި ގާނޫނީ ގޮތުންނާއި ދީނީ ގޮތުން މަނާ ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ބިނާވެފައި އޮތީ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ގާނޫނު ތަންފީޒުކުރާ މީހާ ތަންފީޒުކުރަން ޖެހެނީ، ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތް ގާނޫނެއް ކަމަށް ބަލައިގެން ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރަންޖެހޭ ކޮންމެ ފަހަރަކު، އެ ގާނޫނަކީ ރަނގަޅު ގާނޫނެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު ރަނގަޅު ނޫންނަމަ، ކޯޓުން އެކަމަށް ގޮތެއް ނިންމާނެ ކަމަށް އެ ލިޔުމުގައި ޝަމީމް ފާހަގަކުރައްވާފައިވެ އެވެ.

ޝަމީމް ލިޔުއްވާފައިވާ ގޮތުގައި، އިސްލާމީ ޖިނާއީ އަދުލުގެ ނިޒާމުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއް ބަޔާންކޮށްފައިވާއިރު، އިސްލާމްދީނުގެ ހަމައަކީ ހަމައެކަނި ނަތީޖާއެއް ހާސިލްކުރުން ނޫން ކަމަށެވެ. އެގޮތުން ނަތީޖާއަށް ވާސިލުވި ގޮތަކީ ވެސް މުހިންމު ކަމެއް ކަމަށް ބަޔާންކުރައްވާފައިވެ އެވެ.

"އުމަރުގެފާނުގެ ހިލާފަތުގައި، ގެއެއްގައި ބަޔަކު ފާހިޝް އަމަލެއް ހިންގާކަމުގެ ހަބަރު އެކަލޭގެފާނަށް ލިބިވަޑައިގެން، އެގޭ ވެރިފަރާތުގެ ހުއްދަ ނެތި، އެގެއަށް ވެންނެވިކަމަށްވޭ. އެވަގުތު، ކުށްކުރާން ތިބި މީހުން، ކުށްކުރުން މަތީގައި ތިއްބާ ފެނިވަޑައިގަތް. އެވަގުތު، ތުހުމަތު ކުރެވުނު މީހާ، އުމަރުގެފާނާ މުހާތަބުކޮށް، ކަލޭގެފާނު މިގެއަށް ތިޔަ ވެންނެވީ، މިގޭ ވެރިފަރާތުގެ ހުއްދަ ނެތިނޫންތޯ އެއްސެވި. ހަމައެއާއެކު، ޢުމަރުގެފާނު އެގެއިން ނުކުމެގެން ވަޑައިގެންނެވި. ކުށްކުރާ މަންޒަރު ފެނިވަޑައިގެންފައިވެސް، އަދަބެއް ދެވެން ނެތީ، އުމަރުގެފާނަށް އިޖުރާއަތު ފުރިހަމަ ކުރެވިފައި ނެތުމުން،" ޝަމީމްގެ ލިޔުމުގައި މިސާލެއް ދެއްވާފައިވެ އެވެ.

މިލިޔުމުގައި ޝަމީމް އިތުރަށް ފާހަގަކުރައްވާފައި ވަނީ މީހަކު ކުރާކަމަށް ތިމާއަށް ގަބޫލުކުރެވޭ، ނުވަތަ މީހަކު ތުހުމަތުކުރާ ކަމެއްގެ ސަބަބުން، އެމީހަކު ދެކެ ތިމާ އަންނަ ރުޅިއަކީ، ނުވަތަ ކުރާ ނަފްރަތަކީ، ގާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކުން ބޭރުން މީހުންނާ މެދު އަމަލުކުރުން ދީނީ ގޮތުންނާއި އަދި ގާނޫނީ ގޮތުންވެސް ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

"މިކަން މިގޮތަށް ހަމަޖެހިފައި ވަނީ އެތައް އެތައް މަސްލަހަތެއް ހިމާޔަތް ކުރުމަށް. މިސާލަކަށް، ބަޔަކު މީހުން، ވަކި މިވެނި މީހަކީ ވަގެއްކަމަށް ބުނެ، އެމީހަކަށް އަނިޔާކުރަން ގޮވާލަފާނެ. އޭނާ އަކީ ވަގެއްތޯ ނުވަތަ ނޫންތޯ ބެލުން އިސްލާމީ ދައުލަތެއްގައި އޮތީ ގާނޫނީ ނިޒާމާ މަތިކޮށްފައި. އެކަން ހަމަޖެހިފައި އޮންނަ ގޮތަށް ނުބަލައި، ތުހުމަތުކުރެވޭ މީހާ ގައިގައި ތަޅައި އަނިޔާ ކުރުމަކީ، ދީނީ ގޮތުން މަނާ ކަމެއްކަން މަތީގައިވާ އާޔަތުން [އަލްމާއިދާ ސޫރަތުގެ އަށްވަނަ އާޔަތް] ދަލީލު ލިބޭ.

ޝަމީމް ލިޔުއްވާފައިވާ ގޮތުގައި، ވަކި ކަމެއް ހިނގީ ވަކި ގޮތަކަށްކަން އެނގުނުކަމުގައި ވިޔަސް، އެކަމަކަށް އަދަބެއް ދެވޭނީ ގާނޫނީ ނިޒާމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލިގެން ކަމަށާއި، ކުށްކުރާ މީހުންނާމެދު އަމަލުކުރާނެ ގޮތް އޮތީ ގާނޫނުގައި ލިޔެފައި ކަމަށެވެ. އަދި ހައްޔަރުކުރާނެ ގޮތާއި، ހައްޔަރުގައި ބަހައްޓާނެ ގޮތާއި، ހާލަތާއި، ހެކި ހޯދާނެ ގޮތާއި، ހެކި ހުށަހަޅާނެ ގޮތާއި، ހެކި ވަޒަންކުރާނެ ގޮތާއި، އަދި މިކަމާ ގުޅޭ ހުރިހާ ވާހަކައެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

މީހަކު އަދި ކުށެއް ކުރިއަސް، ގާނޫނުގައި އޮތް ގޮތަށް ހެކި ނުލިބިއްޖެނަމަ ނިޒާމުގެ ތެރެއިން ފިޔަވަޅު ނޭޅޭނެ ކަމަށާއި، މިކަންކަން މިގޮތަށް އޮންނަނީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް ފާހަގަކުރައްވާފައިވެ އެވެ. އަދި ކުށްކުރާ މީހުންނަށް އަދަބު ދިނުމަށާއި، ކުށެއް ނުކުރާ މީހުންނަށް އަދަބެއް ނުލިބޭނޭކަން ކަށަވަރު ކުރަންވާނެ ކަމަށާއި، މިނިޒާމު ރަނގަޅު ނޫންނަމަ، ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށްވެސް އެ ލިޔުމުގައި ފާހަގަކުރައްވާފައިވެ އެވެ.

"މަގުމަތިން މިމައްސަލަ ހައްލުކުރުމަކީ ހުއްދަކުރެވިގެންވާނެ ކަމެއް ނޫން. އެއީ އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުން،" ޝަމީމް ލިޔުއްވާފައިވެ އެވެ.