ހުސައިން ޝަމީމް

ޝަމީމަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާދިނުމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

ޝަމީމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ހެނދުނު ހަމަލާދިނުމުގެ ތުހުމަތުގައި މިމަހުގެ އެއްވަނަ ދުވަހުވެސް ދެ މީހުން ހައްޔަރުކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓުން އެ ދުވަހު ވަނީ އެ ދެ މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

މޫނު ނިވާކޮށްގެން ތިބި ދެ މީހުން ޝަމީމަށް ހަމަލާ ދިނީ އޭނާގެ ދަރިފުޅު ސްކޫލަށްލުމަށްފަހު ގެއަށް ވަދެވަޑައިގަންނަވަން ދަނިކޮށެވެ.

މި ދެ މީހުން ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އޭނާއާ ދުރާލައި ފާރަލަމުން އައިސްފައި ކަމަށްވެ އެވެ. މަރުތޭލެއް ކަހަލަ އެއްޗަކުން ޝަމީމަށް ހަމަލާދިނުމުން އޭނާގެ އުޅަނބޮށީގެ ކަށިގަނޑެއްގައި ވަނީ ރެނދުލާފަ އެވެ.

މީގެކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ސީޕީ ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑަށް ރޭވިގެން ކޮށްފައިވާ ކަމެކެވެ.

ހަމަލާ ދީފައިވާ ގޮތަށް ބަލާއިރު މިކަމުގެ ތެރޭގައި އިތުރު ބަޔަކު ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ހަމަލާއަށްފަހު ޝަމީމް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެނބުރި އަންނާނީ މާވަރުގަދަކޮށް ކަމަށެވެ.

"މަސައްކަތާއި ދުވުމާއި ބައިސްކަލް ދުއްވުން އަދި ފެތުމަށް ދެން އެނބުރި އަންނާނީ މާ ވަރުގަދަކޮށް،" ޝަމީމް ވިދާޅުވި އެވެ.