ހުސައިން ޝަމީމް

ޝަމީމަށް ހަމަލާ ދިން މީހުންނަށް ދައުވާކޮށްފި

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ޝަމީމަށް ހަމަލާ ދިން ކަމަށް ތުހުމަތުކުރާ ހަތް މީހުންނަށް ދައުވާކޮށްފި އެވެ.

މި މީހުގެ މައްސަލަ ތަހުގީގު ފުލުހުންގެ އިދާރާއިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ދައުވާ ލިބޭ މީހުން

  • މިދުހަތު އާދަމް - ރ. އަލިފުށީ ރިވެލި
  • މުހައްމަދު ޖަޒްލާން - ލ. ގަމު ތުނޑި އަވަށް، ޖަވާހިރުވިލާ
  • ޒަޔާން ނަސީރު - އދ. މާމިގިލީ، ކެމީހިޔާ
  • އަބްދުލް ހަންނާން - ތ. ތިޔަދިމިގިލީ ރުވާ
  • ރަޖުވާން ލަތީފް - ލ. މާމެންދޫ މުރިނގު
  • އަހްމަދު މައިސާން ހާޝިމް - ދަފްތަރު ނަމްބަރު 2247

ދައުވާ ލިބޭ އެންމެންގެ މައްޗަށްވެސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ ކޮށްފައިވެ އެވެ. ދައުވާ ލިބޭ މީހުންގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާ ދިން ކަމަށް ބުނެ އެވެ. ޖަޒްލާންގެ މައްޗަށް ދައުވާކުރަނީ މިދުހަތު ގޮވައިގެން ސައިކަލުގައި ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި މައިސާންގެ މައްޗަށް ދައުވާކުރަނީ ހަމަލާދިން މީހުން ބޭނުންކުރަން ސައިކަލެއް ހޯދައިދިން ކަމަށް ބުނެ އެވެ. ދެން ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާކުރަނީ އެ ހަމަލާ ރޭވުމާއި އަދި ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބުމަށްފަހު އެ ސަރަހައްދުން ދިޔަ ބުނެ އެވެ.

ދައުވާ ލިބޭ އެންމެންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޝަމީމަށް ބަޔަކު ހަމަލާދިނީ އޭނާގެ ދަރިފުޅު ސްކޫލަށް ލާފައި ގެއަށް ވަޑައިގަންނަވަނިކޮށް މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު ޝަމީމް ދިރިއުޅުއްވާ ގެ ކައިރިންނެވެ. ހަމަލާ ދިން މީހުން ޝަމީމަށް ފާރަލަމުން ގޮސް މީގެ ތެރެއިން ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހުމުން އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުވެސް ލާފަ އެވެ.

ޝަމީމު ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް މަޖިލީހުން އޭނާ މަގާމުން ވަކިކުރީ މިދިޔަ އޮގަސްޓް 22 ވަނަ ދުވަހު އެވެ.