ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މާޗްގައި ރެކޯޑް މިންވަރަކަށް މައްސަލަތައް ނިންމައިފި

މިއަހަރުގެ މިހާތަނަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ މިދިޔަ މާޗް މަހުގައި ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ. އެ އޮފީހުން މިއަދު ވަނީ މިދިޔަ މަހު އެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.

އެ އޮފީހުން ބުނީ މާޗް މަހަކީ މިއަހަރު އެންމެ ގިނަ މައްސަލަ ނިންމި މަސް ކަމަށެވެ. އެ މަހު ޖުމްލަ 149 މައްސަލައެއް ވަނީ ނިންމާފައެވެ. އަދި އޭގެ ތެރެއިން 113 މައްސަލަ ވަނީ ސާބިތުވެފައެވެ. އެއީ 75.8 ޕަސެންޓެވެ.

ފަސް މައްސަލަ މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް ނިންމާ ކޯޓްތަކުން ބޭރުކޮށްލި އެވެ. އަދި 31 މައްސަލަ ސާބިތުނުވާ ކަަމަށް ނިންމި އެވެ. މިއީ 20.8 ޕަސެންޓެވެ.

ދައުވާކޮށް ދިނުމަށް އެދި މާޗް މަހު ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 244 މައްސަލަ އެކެވެ. އޭގެ ތެރެއިން 60 މައްސަލައެއް ބަލައިގަތެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް 125 މައްސަލައެއް ވަނީ އަނބުރާ ފޮނުވާލާފައެވެ. އެކި ސަބަބުތަކާ ހުރެ 26 މައްސަލައެއްގައި ދައުުވާ ނުކުރަންވެސް ނިންމިއެވެ. އަދި މިވަގުތުވެސް ދިރާސާ ކުރަމުންދާ 33 މައްސަލައެއް ވެއެވެ.

މިދިޔަ މުއްދަތުގައި ޕީޖީ އޮފީހަށް އެންމެ ގިނައިން ފޮނުވާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ދެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ވައްކަމުގެ މައްސަލަތަކެވެ. މީގެ އިތުރުން ކުޑަކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތައްވެސް ގިނަ އެވެ.

މަސްތުވާތަކެތީގެ 62 މައްސަލަ އަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލަ އަކާއި ވައްކަމުގެ 27 މައްސަލަ އަކާއި ކުޑަކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގުމުގެ 15 މައްސަލަ އަކާއި މާރާމާރީ ހިންގުމުގެ 12 މައްސަލައެއް މާޗް މަހު އެ އޮފީހަށް ފޮނުވާފައިވެއެވެ.

މާޗް މަހުގެ ތެރޭގައި ޑިއުޓީ ޕްރޮސިއުކުޝަނަށް އެންމެ ގިނައިންް މައްސަލަ ހުށައަޅާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. އެއީ 241 މައްސަލަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ދެ މައްސަލައެއް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މައްސަލައެއް ހުށައަޅާފައެވެ.

ޑިއުޓީ ޕްރޮސިއުކުޝަނަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކެވެ.

މިދިޔަ މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް 69 ދައުވާ ފޮނުވާފައެވެ. ޑްރަގް ކޯޓަށް 47 ދައުވާ އަދި ޖުވަނައިލް ކޯޓަށް މައްސަލައެއް ފޮނުވާފައިވެއެވެ. މެޖިސްޓްރޭޓް ކޯޓްތަކުން އެންމެ ގިނަ މައްސަލަތައް ފޮނުވާފައިވަނީ މާފުށީ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓަށް 15 މައްސަލައެއް ފޮނުވާފައިވެއެވެ.

އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް 12 މައްސަލައަކާއި މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ހަތް މައްސަލަ އަކާއި ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށް ހަތް މައްސަލައެއްގެ އިތުރުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ފަސް މައްސަލައެއް ފޮނުވާފައިވެއެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ އޮފީހުން މިދިޔަ މަހު ރެކޯޑް މިންވަރަކަށް މައްސަލަތައް ނިންމާފައިވާ ކަމަށެވެ. އަދި އެ އޮފީހުގެ މަސައްކަތްތައް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށެވެ.

"ޖުމްލަ ނަތީޖާ ރަނގަޅު،" ތަފާސް ހިސާބުތައް ހިއްސާ ކުރައްވާ ޝަމީމް ވިދާޅުވިއެވެ.