ހުސައިން ޝަމީމް

ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު ދިން ނުރައްކާތެެރި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ޝަމީމަށް ދިން ހަމަލާއާއި ގުޅިގެން މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް ވިދާޅުވީ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ ޢަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިޚްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެ ކަމަށެވެ.

"މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ. އަދި ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ހިދުމަތްތެރީންގެ ރައްކާތެރިކަމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ،" ހަލީލް ވިދާޅުވި އެވެ.

ހަލީލް އިތުރަށް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާ ސަލާމަތްކަން ދެމެހެއްޓުމަށް ކަމަށާއި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށެވެ.

"ޕްރޮސެކިއުޓަ ޖެނެރަލް އަލްއުސްތާޒު ޙުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދެން. އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެ ކަމަށް އުންމީދުކުރަން،" ހަލީލް ވިދާޅުވި އެވެ.

މާލޭގެ ނޫރު މިސްކިތް ކައިރިން މިއަދު ފަތިހު ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައިސް މޫނު ނިވާކޮށްގެން ތިބި ދެ މީހުންނެވެ.

ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ މަރުތޭލެއް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ހަމަލާ އާއި ގުޅިގެން ޝަމީމުގެ އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާތީ އޭޑީކޭ އިން ފަރުވާ ދިނުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފަ އެވެ.

ޝަމީމަށް ހަމަލާ ދިން މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.