ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އިޖުރާއީ ގޯހެއް ހަދައިގެން ތުހުމަތުކުރެވޭ އެއްވެސް މީހަކު ސަލާމަތް ވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް ހައެއް މޭގައި ދިން ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންނާ އެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި މިތަހުގީގުގައި ފުލުހުންގެ ފަރާތުން އިޖުރާއީ ގޯހެއް ހަދައިގެން ތުހުމަތު ކުރެވޭ މީހަކު ސަލާމަތްވުމުގެ ފުރުސަތެއް ނެތެވެ.
ސަބަބެއް ކަމަށް ވިދާޅުވީ ތަހުގީގު ފެށުމާ ހަމައިން ޕީޖީގެ ޕްރޮސެކިއުޓަރުން ފުލުހުންގެ ތަހުގީގު ޓީމާ އެކު ވަރަށް ގާތުން މަސައްކަތް ކުރުމެވެ. އެގޮތަށް މަސައްކަތް ކުރާއިރު ތަހުގީގު ކުރިއަށް ދިޔަ ގޮތާއި ތަންތަން ބަލައި ފާސްކުރެވުނު ގޮތާއި އިޖުރާއަތުތައް ފުރިހަމަކުރެވުނު ގޮތް ވަރަށް ކުރިއްސުރެ ޕީޖީގެ ޕޮރެސެކިއުޓަރުންނަށް އެނގިފައި އޮތުމެވެ.
"އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންނަށް އެކަހަލަ އިޖުރާއީ މިސްޓޭކެއް މިމައްސަލައިގައި ހެދިފައެއް ނޯންނާނެ ކަމަށް. ދެން ޝަރީއަތުން މައްސަލަ ނިމުނީމާ އެނގޭނީ ކިހިނެއްތޯ އަޅުގަނޑުމެންނަށް ކޮން ކަމެއްތޯ ސާބިތުކޮށްދެވޭނީ ކޮން ކަމެއްތޯ ސާބިތުކޮށް ނުދެވޭނީ،" ޕީޖީ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ތަހުގީގުގައި މިހާތަނަށް ހެކި ހޯދާފައި ހުރީ ގާނޫނުތަކާއި އެއްގޮތައް ކަމަށާއި އަދި ހޯދާފައިވާ ހެއްކާ މެދު ހިތްހަމަޖެހިވަޑައިގަންނަވަ އެވެ. ހެކީގެ ގޮތުގައި ލިބުނު ނަމަ އިތުރަށް މައްސަލަ ފުރިހަމަވެދާނެ ހެކިތަކެއް އަދިވެސް ހުރެދާނެ ކަމަށާއި އަދި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެ ކަމަށް ގަބޫލުވެސް ކުރެއްވި އެވެ. ތަހުގީގު އަދިވެސް ނިމިފައި ނުވާތީ މައްސަލަތައް ކޯޓަށް ހުށަހަޅާ ހިސާބުން އަދިވެސް އިތުރު މައުލޫމާތާއި އިތުރު ހެކި ހުށަހެޅޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިންވެސް ދެންނެވިހެން މި ތަހުގީގު ހިނގަމުންދާ ގޮތާ ދޭތެރޭ ޖުމްލަ ގޮތެއްގައި އަޅުގަނޑު ހިތްހަމަޖެހޭ. އަޅުގަނޑަށް ގަބޫލުކުރެވެނީ މިހާރު ހޯދިފައި ހުރި ހެކި ތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންނަށް ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށް،" ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހުން އޮތް ކަން ހާމަކުރައްވާ ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުންނަށް ކުރާނެ ދައުވާއަކާ މެދު ގޮތެއް ނިންމޭނީ މައްސަލައިގެ ލިޔުންތައް ދިރާސާކޮށް ނިމުމުން ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ދިރާސާކުރަމުން މިދަނީ އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުގެ ތެރެއިން ކޯޓުގައި ސާބިތުކޮށްދެވޭނީ ކޮން މައުލޫމާތެއްތޯ، ކޮން ކަންތައްތަކެއްގެ މައްޗަށްތޯ އަޅުގަނޑުމެން މިކިޔާ އުންސުރުތައް ފުރިހަމަކުރެވޭނީ ކިހިނެއްތޯ؟ އެ ތަފްސީލްތައް އިރާދަކުރެއްވިއްޔާ ހިއްސާކުރާނަން އަޅުގަނޑުމެން ބާއްވާ ޕްރެސްގައި" ޕީޖީ ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި މިހާތަނަށް ޖުމްލަ 10 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.