ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސަށް ކުރާ ތުހުމަތު ތަހުގީގުކުރަން އިދާރާތަކަށް ހުށަހަޅައިފި

Aug 4, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބަދުއަހްލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.

ރައީސް ސޯލިހަށް ތުހުމަތުކުރާ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓާއި، ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށާއި، ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ އަހްމަދު ސަލީމު (މާޒް ސަލީމު) އެވެ.

އިދާރާތަކުގެ އެންމެ އިސްވެރިންނަށް އެޑްރެސް ކުރައްވާ ވަކިވަކިން ފޮނުއްވާފައިވާ ސިޓީތަކުގައި ބުނެފައިވަނީ ރައީސް ސޯލިހް ބަދުއަހްލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ރައީސް ނަޝީދުގެ އަތްޕުޅުގައި ހުރި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ބޭނުންވުމުން އެ ފޮޓޯތައް އާންމުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވުމާ ގުޅިގެން ރާއްޖޭގެ މީޑިއާގައި އެ ވާހަކަ ފަތުރާފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. ރައީސް އަށް ތުހުމަތުކުރާ މައްސަލައަކީ ގާނޫނުއަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާގެ ސިފަތަކަށް އުނިކަން ލިބޭ ތުހުމަތެއް ކަމަށްވެސް ބުނެފައިވެ އެވެ.

"ދަންނަވަމެވެ. ގާނޫނުގައިވާ ގޮތުގެ މަތިން އެ ވިދާޅުވާ ކަހަލަ ފޮޓޯއެއް ނުވަތަ ފޮޓޯތަކެއް އެއްވެސް ފަރާތެއްގެ އަތުގައިވުމަކީ ގާނޫނީ ކުށެކެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ވަލިއްޔުލް އަމުރުގެ އެފަދަ ފޮޓޯތަކެއް ހުރި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވަމުން މިއީ މިފަދަ އިސްލާމީ ގައުމެއްގެ ރައްޔިތުންނަށް ކުޑަ މައްސަލައެއް ނޫނެވެ،" ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ރައީސް ނަޝީދު ވިދާޅުވާ ފޮޓޯތައް އެމަނިކުފާނުގެ އަތްޕުޅުގައި ހުރިކަން ކަށަވަރުކުރުމަކީ އިދާރާތަކުން ކުރަންޖެހޭ ކަމަށްވެސް ސިޓީގައިވެ އެވެ. އެ ފޮޓޯތައް ރައީސް ނަޝީދުގެ އަތްޕުޅުގައި ހުރިކަން ތަހުގީގަށް ސާބިތުކޮށް ނުދެވިއްޖެނަމަ އެއީ ގަޒުފްގެ ހައްދު ކަނޑައެޅިފައިވާ ކުށެއްކަން ވެސް ހަނދާންކޮށްދީފައިވެ އެވެ.

ރައީސް ނަޝީދު ވަނީ ރައީސް ސޯލިހް ބްލެކްމެއިލްކޮށްފައި ކަމަށް ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އަދި މިއީ ވެސް ގާނޫނުގައި އަދަބު ކަނޑައެޅިގެންވާ ކުށަކަށްވާތީ މިމައްސަލަ ނުބަލައި އަދި ފިޔަވަޅެ ނާޅާ ތިބުމަކީ ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

"ވީމާ މަނިކުފާނު މާތްﷲ ގަންދީ ކުރައްވާފައިވާ ހުވައާއި އަދި ގާނޫނުން މަތިކުރެވިފައިވާ ޒިންމާއާއި އެއްގޮތަށް މިމައްސަލަ ވެވަޑައިގެންނެވި އެންމެ އަވަހަކަށް ތަހުގީގު ކޮށްދެއްވާ ޝަރީއަތަށް ފޮނުވާ ދެއްވުން އެދި ދެންނެވީމެވެ." ސީޕީ ހަމީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދު ކުރައްވާ ތުހުމަތު ރައީސް ސޯލިހްގެ ފަރާތްޕުޅުން ރައީސް އޮފީހުގެ ތަރުޖަމާން ވަނީ ދޮގުކުރައްވާފަ އެވެ.