ނަޝީދަށް އަމާޒު ކުރި ހަމަލަ

ތަހުގީގު ރަނގަޅު، ވަރުގަދަ ދައުވާއެއް އުފުލޭނެ: މަންދޫބު

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވާ ހަމަލާގެ ފަހަތުގައި ތިބި މީހުންނާ ދެކޮޅަށް ވަރުގަދަ ދައުވާއެއް އުފުލޭނެ ކަމަށް ބެލެވޭ ކަމަށް ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.

ފާއިޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ފުލުހުންގެ ތަހުގީގުން ފެންނަނީ ފަރުވާތެރިކަން ކަމަށާ މިހާތަނަށް ތަހުގީގު ކުރިއަށްދިޔަ ގޮތަށް ބަލާއިރު މުޅި މައްސަލައަށް ބަލައިގެން ތަހުގީގު ހިންގަމުންދާ ކަމަށެވެ. ފާއިޒު ވަނީ ފުލުހުންނާއި ޕްރޮސެކިއުޓަރުގެ މަސައްކަތާއެކު ކޯޓްގައި ވަރުގަދަ ދައުވާއެއް އުފުލޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް 8 މީހެއްގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ކުރަމުން ގެންދެއެވެ. އަދި ވަރަށް އަވަހަށް ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުން މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހުޅުމާލެ އިން ތަހުމީން ވެސް ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ބ. ދަރަވަންދޫ އިން ފާތިހު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ. ހަމަލާއާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވާ ފަސްވަނަ މީހަކީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، އެވެ.