ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިންް ބޮމުގެ ހަމަލާ ރޭވުމުގައި އިސްކޮށް މަސައްކަތް ކުރި އަލީ ހައިޝަމްގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހައިޝަމްގެ އިތުރުން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ ލިބޭ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ކުރިން ނެރެފައިވާ އަމުރު ދެމެހެއްޓުމަށްވެސް މިއަދު ވަނީ އަމުރުކޮށްފަ އެވެ.
މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާގައި ގޮއްވައިލި އައިއީޑީގައި ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަލީ ހައިޝަމާއި ތަހުމީން އަހުމަދުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީގެކުރިން ވިދާޅުވެފައިވެ އެވެ.
"އައިއީޑީގައި އަލީ ހައިޝަމްގެ ޑީއެންއޭ ފެންނަން އެބަހުރި. މޭޖާ ކޮމްޕޯނެންޓު ފެންނަން އެބަހުރި. އެހެންވީމާ މި ކަންކަމަށް ބަލާއިރު އަޅުގަނޑުމެންނަށް އަލީ ހައިޝަމްގެ މައްޗަށް ވެސް ކުށް ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ޝަމީމް ވިދާޅުވި އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގައި އައިއީޑީ ހަރުކުރި މީހަކީ ހައިޝަމް އެވެ.
ހައިޝަމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އާއި، ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ބޮމުގެ ހަމަލާއާއި ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާއިރު މިހާތަނަށް ދޫކޮށްލާފައިވަނީ ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ. ފާތިހު ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ ނިންމެވުމާ ގުޅިގެންނެވެ.
ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ މ. ކުދެހިގެ އިސްހާގު އާއި، ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.
ފުލުހުން އެންމެ ފަހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް އާއި އިސްހާގު އަދި އަލީ ހައިޝަމް އެވެ. އަދި އަލީ ހައިޝަމް އަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށެވެ.