ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދުގެ ވަކީލަކަށް ކޮއްކޮ ނާޒިމު

ރައްޔިތުންގެ މަޖލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެ މަނިކުފާނުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި އެއްބަނޑުއެއްބަފާ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެންފައިވަނީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމަށް ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ. އެ ސިޓީގެ ކޮޕީއެއް އަވަސް އަށް ވެސް ވަނީ ލިބިފަ އެވެ.

ސިޓީގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ފުރާނަ ދުއްވާލުމަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް އަދިވެސް ލިބިވަޑައިނުގަންނަވާ ކަމަށް ޕީޖީ ވިދާޅުވި ކަމާއި ބަޔާނެއް މުހިއްމު ކަމަށް ޕީޖީ ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ. އެހެންކަމުން އެ މައްސަލައިގައި ނަޝީދުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި އަހުމަދު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހަތަރު މީހަކަށް ވަނީ 13 ދައުވާއެއް އުފުލާފަ އެވެ. ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ.

އަދުހަމް އަހުމަދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދި އަދުހަމް ހުރީ ޖާނު ގޮއްވާލައިގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ. ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެފަ އެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވެ އެވެ.

މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ އެވެ. އަލީ ހައިޝަމަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެކެވެ. އަދި ހަމަލާ ރޭވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު ކަމަށް ފުލުހުން ބުނެފައިވެ އެވެ.