ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ދީނާ ގުޅޭ ކަމެއް ނޫން: ޕީޖީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަކީ އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށާ އެއީ ބަޔަކު މީހުން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ހަމަލާއާ ގުޅުންހުރި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށް ކޯޓަށް މައްސަލަ ފޮނުވުމަށް ފަހު ތަފްސީލު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޝަމީމް ވިދާޅުވީ މެއި ހައެއްގެ ހަމަލާއަކީ ދީނާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން އެ މައްސަލައާ ގުޅުންހުރި މައުލޫމާތުތައް ގެނެސްދޭއިރު ރަނގަޅު މައުލޫމާތު ގެނެސްދެއްވުމަކީ އެދިވަޑައިގަތުމެއް ކަމަށެވެ.

އަދި ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއަށް އިންސާފު ހޯދުމަށް ނިކުމެ ހުންނެވީ ގަދަ އަޒުމެއްގައެވެ.

"މިއީ ދީނާ ގުޅޫ ކަމެއް ނޫން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން މިއީ ދީނާ ގުޅޫ ކަމެއް ނޫން. އެ އުޅެނީ މުޅީން އެހެން ބޮޑު ޖަރީމާއެއް ހިންްގައިގެން. އަޅުގަނޑު މިހުރީ އެކަން ކޮޅެއްގައި ޖައްސާ މިކަމުގައި ބައިވެރިވީ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ނިކުމެ،"

ފުލުސް ތަހުގީގަށް އެނގައިވާ ގޮތުން ހަމަލާ ދިން މީހުން ރައީސް ނަޝީދަށް ހަމަލާ ދިނީ އެމަނިކުފާނަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައިގެންނެވެ.

އެގޮތުން އެކި ތަންތަނުގައި ސިޔާސީ ގޮތުންނާއި ރަސްމީ ވާޖިބު އަދާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރެއިން ނިންމަވާފައިވާ ނިންމެވުންތަކާއި ދައްކަވާފައިވާ ވާހަކަތަކަށް ނިސްބަތްކޮށް ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެފައިވާ މީހެއް ކަމާއި މަރާލަން ޖެހޭ މީހެއް ކަމަށް ދެކި އެކަމަށް މަގުފަހި ކުރުމަށްޓަކައި އެމީހުން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވެއެވެ.

އެމީހުންނަކީ ދިވެހި ދައުލަތް ގަބޫލުކުރާ ބައެއް ނޫނެވެ. އަދި ދިވެހި ބިމާ ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް ދެކެއެވެ. އެއީ ހަރުކަށި އައިއެސް ޖަމާއަތުގެ ފިކުރަށް ތާއީދުކުރާ ބައެކެވެ. އެފިކުރު ރާއްޖޭގައި ފަތުރަށް މަސައްކަތްކުރާ ކަމަށް ވެސް ތަހުގީގަށް ފާހަގަވެފައިވެއެވެ.

ޕީޖީ ވިދާޅުވީ އެ މީހުންގެ ކިބާގައި ހުރީ އިސްލާމްދީނާ ގުޅުންހުރި ހަރުކަށި ކަމެއް ނޫން ކަމަށާ މިއީ ދީނާ ގުޅުންހުރި ކަމެއްގެ ގޮތުގައި ނުވެސް ބައްލަވާނެ ކަމަށެވެ. އަދި މިއީ ނުރައްކާތެރި ޖަރީމާއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

"އިސްލާމްދީނަކީ ހަރުކަށި ދީނެއް ނޫން. އިސްލާމްދީނާ ގުޅޭ ކަމެއް ނޫން މިއީ. މި މީހުން ދައްކަނީ އިސްލާމްދީނުގެ ވާހަކައެއްވެސް ނޫން. އެއީ އިސްލާމްދީނަކުން ނުބުނާނެ ދެއްތޯ އެހެން މީހަކު މަރާލާށެކޭ އެއް ނުވަތަ ކަނޑައެޅިގެން މުސްލިމެއްކަން އެނގޭ މީހަކު އަދި ބައިވަރު އެހެން މީހުންނަށް ގެއްލުންވާ ގޮތަށް، މި އުޅެނީ ހަނގުރާމައިގެ ދުވަސްވަރެއްގައެއް ނޫން. މި އުޅެނީކީއެއް ގަޒްވަތެއްގައެއް ނޫން. މިއީކީ އިސްލާމްދީނަކާ ގުޅުމެއް ހުރިކަމެއް ނޫން،" ޝަމީމް ވިދާޅުވިއެވެ.