ނަޝީދަށް އަމާޒު ކުރި ހަމަލަ

ހައެއްފަހެއް ހަމަލާ: އިތުރު ތިން މީހަކަށް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ދައުވާކުރަން ފޮނުވާފައިވަނީ ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެ މައްޗަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ ފަހުމީ އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކުށުގެ ދައުވާ އެވެ.

މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވި ކަމުގެ ކުށުގެ ދައުވާ އެވެ.

އިސްހާގުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ. އެއީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.

އިސްހާގަކީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެ ހަމަލާ އަށް ތައްޔާރުކުރި މީހާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އަދި ފަހުމީ އަކީ ވެސް ހަމަލާގެ އެކި ކަންކަމުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން ވަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފަ އެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އެވެ.