އެމްއެމްޕީއާރްސީ

ރާއްޖެއަށް ފިލްމު ޓޫރިޒަމް ތައާރަފުކުރަން ތައްޔާރުވަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ -- ފޮޓޯ: އެމްއެމްޕީއާރުސީ
0%
0%
0%

ރާއްޖެއަށް ފިލްމް ޓުއަރިޒަމް ތައާރަފް ކުރުމަށް އަންނަ އަހަރު ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

ކ. ގުރައިދޫގެ ފަތުރުވެރިކަމުގެ ބްރޭންޑް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު ވާހަކަދައްކަވަމުން ޝިއުރީ ވިދާޅުވީ ފަތުރުވެރިކަން ދަށް ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ފިލްމު ޓޫރިޒަމްގެ ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ ރީތިކަން އިޝްތިހާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް މުހިއްމު މަސައްކަތަކަށް ވާނެ،" ޝިއުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމްގެ ދާއިރާއިން ކުޅިވަރާ ބެހޭ ބޮޑެތި ރަސްމިއްޔާތުތަކާއި އަދި ޔުނިވާސިޓީތަކާ ގުޅިގެން ކޭމްޕްތައް ބާއްވާ އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވޭނެ ކަންތައްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

"ޔުނިވަސިޓީތަކާ ގުޅިގެން ސަމަ ކޭމްޕްތައް ބާއްވާ އެކްސްޗޭންޖް ޕްރޮގްރާމްއްވެސް ކުރިއަށް ގެންދެވިދާނެ. އެކުދިންނަށްވެސް ރާއްޖޭއާ ބެހޭ މައުލޫމާތު ލިބޭ ޕްލެޓްފޯމެއްވެސް އޭރުން ހެދިދާނެ،" ޝިއުރީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ތަފާތު ދާއިރާތަކުން ރާއްޖޭގައި ޓޫރިޒަމްގެ ހަރަކާތްތައް ފުޅާކުރުމަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުމަށް މުހިއްމު ކަމެއް ކަމަށެވެ. އޭރުން ރާއްޖޭގައި މިހާރު މިއޮތް ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910