މާލޭގެ ސިނާމާލެ 1 ގެ ފްލެޓް އިމާރާތުގެ އެޕާޓްމެންޓެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ. މިއަދު މެންދުރު ފަހު އަލިފާން ރޯވި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އަލިފާން ރޯވީ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގަ އެވެ. އެ އެޕާޓްމެންޓައިރޯވެފައި ވަނީ ބޭނުން ނުކޮށް، ބައެއް ތަކެތި ބަހައްޓާފައި ހުންނަ ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ކޮޓަރިއެއްގަ އެވެ. އެތަނުގައިހުރި ހުރިހާ ތަކެއްޗެއް އަނދައިގެން ގޮސްފައިވާއިރު ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.
އެޕާޓްމަންޓްގައި ރޯވި އިރު އެ އެޕާޓްމެންޓްގައި ދިރިއުޅޭ މީހުން ގޭގައ ނޫޅެ އެވެ. އެމީހުން އޭރުވީ ހުޅުމާލޭގަ އެވެ.
ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މުޅި ސަރަހައްދަށް ބޯ ދުންގަނޑު ފެތުރި ހުޅު ފަޅައިގެން ދިޔަ ނަމަވެސް ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމްތައް ވަދެ ވަނީ ފެންޖަހައި ވިއްސަކަށް މިނެޓްގެ ތެރޭގައި އަލިފާން ކޮންޓްރޯލްކޮށްފަ އެވެ. އަލިފާން ކޮންޓްރޯލްކޮށްފައި ވަނިކޮށް ދެވަނަ ފަހަރަކަށް ވެސް ރޯވި އެވެ. ނަމަވެސް އަލުން ފެންޖަހައި ވަނީ ނިއްވާލާފައެވެ.
މިއަދު އަލިފާންގަނޑު ރޯވި ވަގުތު ސިނަމާލެ 1 ގެ އެހެން އެޕާޓަމެންޓްތަކުގައި ދިރިއުޅެމުންދިޔަ މީހުން ވެސް އިމާރާތް ދުކޮށް ބޭރަށް ނުކުތެވެ. އަދި ރޯވި ވަގުތު އިމާރާތުގެ ތެރެއިންނާއި އިމާރާތުން ފޭބި މީހުން މަގުމަތީގައި ތިބެ ރޮމުންދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
އަލިފާން ނިއްވާލުމުން ފުލުހުން ގެންދަނީ އެ ހާދިސާ ބަލައި ތަހުގީގު ކުރަމުންނެވެ.