ހަބަރު

ހޯމް މިނިސްޓަރާއެކު ވާހަކަތައް ދިޔައީ ރަނގަޅަށް: ޖޭޕީ/ އެމްޑީޕީ

Mar 5, 2015
1

ހޯމް މިނިސްޓަރު އުމަރު ނަސީރާއެކު ބޭއްވި ބައްދަލުވުމުގެ ކަންކަން ދިޔައީ ރަނގަޅަށް ކަމަށާއި ބޭނުންވާ ޖަވާބު ސަރުކާރުގެ ތެރެއިން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖޭޕީ އާއި އެމްޑީޕީން ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ އިސް ވަފުދެއް ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖޭޕީ އާއި އެމްޑީޕީގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށާއި އެ ކުރެވުނު މަޝްވަރާތަކުގައި ހިމެނޭ ހުރިހާ ވާހަކައެއް ރައީސް އަބްދުﷲ ޔާމީނާ ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ހޯމް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުން ކުރިޔަށްދިޔައީ ރަނގަޅަށް ކަމަށާއި އެ ބައްދަލުވުމުގެ ގިނަ ވަހަކަތައް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ގަސްދެއް ނެތް ދެކެވުނު ވާހަކައިގެ ތަފުސީލްތައް ނޫސްވެރިންނާ ހިއްސާ ކުރާކަށް އަޅުގަނޑުމެން އުންމީދު ކުރަނީ އަޅުގަނޑުމެންގެ ވާހަކަތަކަށް އެކަށީގެންވާ ޖަވާބެއް އޮންނަ އުސޫލެއްގެ ތެރެއިން ލިބޭނެ ކަމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

މިއަދު ބޭއްވި ބައްދަލުވުމަކީ ޖޭޕީ އާއި އެމްޑީޕީގެ އިންޓަޕާޓީ ކޮމިޝަނުން އެދިގެން ހޯމް މިނިސްޓަރު ދެއްވާފައިވާ ފުރުސަތެއް ކަމަށް ވެއެވެ.

ޖޭޕީ އާއި އެމްޑީޕީގެ އިސް ވަފުދެއް ހޯމް މިނިސްޓަރާއެކު ބައްދަލު ކުރީ މިދިއަ މަހުގެ 27 ވަނަ ދުވަހު އެ ދެޕާޓީން ބޭއްވި މުޒާހަރާގެ ތެރޭގަި ކުރި ޑިމާންޑްތަކާ ގުޅިގެނެވެ. އެ މުޒާހަރާއަށްފަހު ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ފެނި އަޑު އިވިފައިވާ ކަމަށާއި މި ސަރުކާރާކީ ޒިންމާދާރު އަދި އިޖާބަދޭ ސަރުކާރެއް ކަމަށެވެ.