ޑޮނަލްޑް ޓްރަމްޕް

ރަޝިއާ އާއި ގާތްކަން ބޭއްވުމުގައި ޓްރަމްޕަށް ހުރަސްތަކެއް

Jan 10, 2017

އެމެރިކާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ރަޝިއާ އާއި ގާތް ގުޅުމެއް ބޭއްވުމުގެ ސިޔާސަތަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

ރޮއިޓާސް ބުނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޑިމޮކްރެޓިކް ޕާޓީގެ އީމެއިލްތައް ލީކްކޮށްލުމުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް އިންޓެލިޖެންސް އެޖެންސީން ބުނާތީ އެކަމުގައި ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީން އޭނާއަށް ބާރުއަޅަމު ގެންދާ ކަމަށެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ކުރިމަތިވި ހެކް ކުރުމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ބުނާ ބުނުން، ޓްރަމްޕްގެ ޗީފް އޮފް ސްޓާފް ރިއިންސް ޕްރީބަސް ގަބޫލުފުޅު ކުރެއްވުމަކީ ޓްރަމްޕްގެ ރަޝާ އާ އެއްކޮޅު ސިޔާސަތަށް އެޅުނު ހުރަހެކެވެ.

ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދަވާފައި ވަނީ ހެކްކުރީ ޗައިނާއިން ކަމަށް ވެދާނެ ކަމަށެވެ.

ހެކް ކުރީ ރަޝިޔާއިން ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިންދާރާއިން ނެރުނު ރިޕޯޓެއްގައި ބުނުމުން ރަޝާއާ ދެކޮޅަށް އިގުތިސާދީ ގޮތުން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޓްރަމްޕަށް ގޮވާލާ ގޮވާލުންތައް ގިނަ ވެގެންދާނެ ކަމަށް ވޮޝިންޓަންގެ ތިންކް ޓޭންކެއް ކަމަށްވާ ހެރިޓޭޖް ފައުންޑޭޝަންގެ ނީލް ގާޑިނާ ވިދާޅުވިއެވެ.

"އެމެރިކާގެ އާ ސަރުކާރަށް ޖެހޭނީ ރަޝާއާއި މެދު ކުރިއަށް ވުރެ ހަރުކަށި ސިޔާސަތެއް ގެންގުޅެން" ނީލް ވިދާޅުވިކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.