ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ ޒަމާން ފެށޭއިރު ދުނިޔެ ވަސްވާސްތަކެއްގައި!

Jan 17, 2017

(ނިއުޔޯކް ޓައިމްސް) - ޖަރުމަނު މީހުން ތިބީ ރުޅިއައިސްފައެވެ. ޗައިނާ މީހުން ތިބީ ކެކި އަރާފައެވެ. ނޭޓޯގެ ލީޑަރުން ތިބީ ހިތް ނުތަނަވަސްވެފައެވެ. ޔޫރަޕިއަން ޔޫނިއަން އޮތީ ކަންބޮޑުވެފަ އެވެ. ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ގޮނޑިއަށް ވަޑައިގަންނަވަން ދެތިން ދުވަހަށް ވީއިރު އޭނާ ވަނީ ދުނިޔޭގެ ކަންތައް ފާލުން ނައްޓުވާލެއްވުމަށް އޮތް ދަހިވެތިކަން ފާޅުކުރައްވާފަ އެވެ.

އަމާޒެއް ނެތް ގޮތެއްގައި، ބައެއް ފަހަރު ދުނިޔޭގެ އެހެން އެންމެންގެ ރައުޔާ ތައާރުޒުވާ ގޮތެއްގައި ޓްރަމްޕް ދެއްވި އިންޓަވިއުތަކުގެ ސަބަބުން ޗައިނާއާއި އެމެރިކާއާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެ އެވެ. އެމެރިކާއަށް ވަރަށް މުހިއްމު ޖަމާއަތްތަކާއި އިދާރާތަކުގެ ވެރިން އެކަމާ ހެދި ދަނީ ރުޅިގަދަވަމުންނެވެ.

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޓްރަމްޕް ކުރައްވަން އުޅުއްވާ ކަމެއް ޔަގީންކަމާއެކު ބުނަން އެކަކަސް ވެސް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ ރަޝިޔާ އާއި އެގައުމުގެ ރައީސަށް އޭނާ ފާޑު ވިދާޅުނުވާ ކަމެވެ. އަދި އޭނާއަކީ ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސިވިލާތް ވަކުވުމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމެވެ.

ކުރައްވާނެ ކަމެއް ކަށަވަރު ނުވުމަކީ ޓްރަމްޕްގެ އެންމެ ކަށަވަރު ސިފައެވެ. މީހުން ރުޅި އަންނަ ގޮތަށް އޭނާ ކުރައްވާ ޓްވީޓްތަކަށް ދުނިޔެ ވަނީ ހޭނިފައެވެ. ނޭނގޭ ކަމަކީ އެ ޓްވީޓްތަކުގައި ފާޅުކުރައްވާފައިވާ ހިޔާލުތަކަކީ މާނަ ހުރިގޮތެއްގައި އޭނާ ތަންފީޒު ކުރައްވާނެ އާ ސިޔާސަތުތަކަށް ވާނެކަން ނުވަތަ ނޫން ކަމެވެ.

ޔޫރަޕްގެ އިއްތިހާދަކީ ޓްރަމްޕް ސިފަކުރައްވާ ގޮތުގައި ޖަރުމަނަށް އޮތް އުޅަނދެކެވެ. އަދި އެ ޖަމާއަތް ދޫކޮށްލުމުގައި އެހެން ގައުމުތަކުން އިނގިރޭސިވިލާތް މިސާލަކަށް ނަގާނެ ކަމަށް އޭނާ ލަފާ ކުރައްވައެވެ. ޔޫރަޕަށް ރެފިއުޖީން އޮހެން ދޫކޮށްލުމަކީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ހެއްދެވި" ގެއްލުންތައް އިންތިހާއަށް ބޮޑު ގޯހެއް" ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މިދިއަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ދެއްވި އިންޓަވިއުތަކުގައި ޓްރަމްޕް ކުރެއްވި ރުޅިއެރުވުމުގެ ކޮމެންޓްތަކުގެ ސަބަބުން ޖަރުމަނާއި އިނގިރޭސިވިލާތުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވެފައި ވަނީ ޓްރަމްޕް ގެންގުޅުއްވާ ގޮތްތަކަކީ "އާކަމެއް ނޫން" ކަމަށެވެ. ޔޫރަޕް މީހުންނަށް އެމީހުންގެ މަންޒިލަށް ދިއުމުގައި އިހުތިޔާރު އެބަ އޮތް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެންޖެލާ މާކެލް މިމޭރުމުން ވާހަކަ ދެއްކެވީ ޓްރަމްޕްގެ މެސެޖްތައް މާނަކޮށް އެއަށް ޖަވާބު ދާރީވުމަށް ދިރާސާ ކުރާ ފަރާތްތައް މަސައްކަތް ކުރަމުން ދަނިކޮށެވެ.

ޗައިނާ އާއި ޓައިވާނަކީ އެއް ގައުމެއް ކަމަށް ބަލައިގަތުމުގެ ސިޔާސަތު ދަމަހައްޓަން ނުޖެހޭ ކަމަށް ޓްރަމްޕް ދައްކަވާ ވާހަކަފުޅު އަނެއްކާވެސް ވަނީ ތަކުރާރު ކުރައްވާފަ އެވެ. އެކަމަށް ރައްދު ދެމުން ޗައިނާއިން ބުނީ އެފަދަ ގޮތަކަށް ދެކޭ ބަޔަކަށް ޗައިނާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން "ވަރުގަދަ ދެކޮޅުވެރިކަމެއް" ދައްކާނެ ކަމަށެވެ.

މަޝްވަރާތައް ކުރުމުގައި ޓައިވާންގެ މަގާމު ބޭނުންކުރާ ކޮންމެ މީހަކު އެކުރާ ކަމަކީ "ގަލެއް ހިއްލަން އުޅެ [ފައި މައްޗަށް އެ ގާ ވައްޓާލައި] ފައި ޗިސްކޮށްލުން" ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުވާ ޗުންޔިން އިއްޔެ ވިދާޅުވި އެވެ.

ޓްރަމްޕާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވެރިންނާމެދު މިފަދަ ޒުވާބުތަކެއް ހިނގަމުންދާތީ އޭނާ އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވުމުން ބައިނަލް އަގުވާމީ ގޮތުން ހިނގާފާނެ ހަމަނުޖެހުންތައް އަންދާޒާކޮށްލަން ވެސް އަދި ދައްޗެވެ.